ޚަބަރު

2 ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ޤާއިމުވެ އެބަތިބި


  • ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތުގައި 50 ސިފައިން އެބަތިބި

  • ޑޯނިއާ މަތިންދާބޯޓު ދުއްވުމުގައި 25 އިންޑިއާ ސިފައިން

  • އިންޑިއާ ސިފައިން ފޮނުވާލުމަށް ސަރުކާރުން ވަނީ މަޝްވަރާ ފަށްޓާވާފައި

ޑޮނިއާއާއި ދެ ހެލިކޮޕްޓަރު ދުއްވުމާއި ގުޅުންހުރި މަސައްކަތްތަގައި އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބިކަމަށް، މިހާތަނަށް ހޯދުނު ހޯދުމުން އިނގިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

އައު ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ފަށްޓަވާފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔަދަތު ދެމެހެއްޓުމަށް ކުރައްވަންޖެހޭ މަސައްކަތްތަކެވެ. އެގޮތުން އެންމެ މުހިންމު ވަޢުދެއްގެ ގޮތުގައި، ރާއްޖޭގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފަށްޓަވާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުގެ ފުރަތަމަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެކަން ރަސްމީކޮށް އިންޑިއާ ސަރުކާރަށް ދަންނަވާ މަޝްވަރާތައް ފަށްޓަވާފައެވެ.

އައު ސަރުކާރު ހަވާލުވެވަޑައިގެން، ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބި ޢަދަދުގެ ބައެއް މަޢުލޫމާތު ސާފުވެފައިވާކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ޤާއިމުވެފައި ތިބިކަން ދެނެގަނެވިފައިވާކަމަށެވެ.

ފިރުޒުލް ވަނީ، ސިފައިން ޤާއިމުވެ ތިބީ ކޮން މަސައްކަތްތަކަކަށް، ކިހާ ޢަދަދަކަންވެސް ސާފުކޮށްދެއްވާފައެވެ.

އެގޮތުން ސާފުވެފައިވާ މިންވަރަށް ބަލާއިރު، އިންޑިއާއިން ހަދިޔާކުރި 1 ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތުގައި 24 ސިފައިން، 2 ވަނަ ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތުގައި 26 ސިފައިން އަދި ޑޯނިއާ މަތިންދާބޯޓު ދުއްވުމުގައި 25 އިންޑިއާ ސިފައިން ހަރަކާތްތެރިވާކަން ހާމަވެފައިވާކަމަށެވެ. އަދި މެއިންޓަނަންސްއާއި އިންޖިއަރިންގެ މަސައްކަތުގައި 2 ސިފައިން މަސައްކަތް ކުރާކަމަށެވެ.

"އެންމެ ފުރަތަމަ މި ބެލީ ކިހާ އަދަދެއް، ކޮން ކަމަކަށްކަން ސިފައިން ތިބީ. 77 ސިފައިން ތިބިކަން މިވަނީ ހާމަވެފައި. އެއަށްފަހު ދެން ފަށާނީ، އެމީހުން ފޮނުވާލުމަށް ކުރަންޖެހޭ މަސައްކަތަށް. ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އިންޑިއާގެ ޑެލިގޭޝަނާއެކު، ރަސްމީކޮށް މިވަނީ އެ ވާހަކަ ދަންނަވާފައި." ފިރްޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ސިފައިން ތިބި މިންވަރާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. މިހާތަނަށް ހާމަކޮށްފައިވަނީ މިވަނީ، މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާ އިނގުނު ޢަދަދުތައްކަމަށެވެ.

ފިރުޒުލް ވިދާޅުވީ، އިންޑިއާ ޑޯނިއާއާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން، ރާއްޖެއަށް އެހީ ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތައް ކުރިއަށްގެންދެވިފައިވާކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށެވެ. އެގޮތުން 661 މެޑިކަލް އިވަކުއޭޝަންއާއި، 220 ސަވައިލެންސް އޮޕަރޭޝަންއާއި، 100 ސަރޗް މިޝަން ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ޚިދުމަތް ރާއްޖެއަށް މުހިންމުކަމަށާއި، ނަމަވެސް މިކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުން ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅު ނުކުރައްވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

ދެ ހެލިކޮޕްޓަރު ރާއްޖެ ގެނައީ، 2011 އަދި 2016 ވަނަ އަހަރު ކަމަށް، މިދިޔަ ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އޭރު ބުނަމުން ދިޔައީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ، މި އުޅަނދުތައް ދުއްވުމާއި އޮޕަރޭޓްކުރަން ދިވެހި ސިފައިން ތަމްރީން ކުރެވެންދެންކަމަށް ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އަދިވެސް، އެ އުޅަނދުތައް ދުއްވާ ބަލަހައްޓަނީ އިންޑިއާ ސިފައިންނެވެ. އަދި މިކަމުގެ ބޭސްތައް އުތުރާއި ދެކުނުގައިވެސް ޤާއިމުކޮށްފައިވެއެވެ.