ސިއްހަތު

ހުޅުމާލޭ ހޮސްޕިޓަލުން ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް ދެނީ


މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ހުޅުމާލޭ ހޮސްޕިޓަލުގައި ބައެއް ޞިއްޙީ މައްސަލަތަކަށް ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް ލިބޭނެ ކަމަށް އެންސްޕާއިން ހާމަކުރައްވައިފިއެވެ.

ރާއްޖޭގައި މިހާރު ލިބެން ނެތް ސްޕެޝަލިސްޓް އަދި ސުޕަރ ސްޕެޝަލިސްޓްގެ ޚިދުމަތްތަކާއި އަދި ލިބެން ހުރި ބައެއް ޚިދުމަތްތައް މި މުއްދަތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުގެ އެހީއާއެކު ދެއްވާ ޚިދުމަތެކެވެ. މި މުއްދަތުގައި ދެއްވާ ޚިދުމަތްތަކުގެ ތެރޭގައި އަންހެނުންނަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތްވެސް ހިމެނެއެވެ. މި ޑޮކްޓަރު ފަރުވާ ދެއްވާ ކަންކަމުގެ ތެރޭގައި މައްސަރުކަންތަކާއި ދަރިމައިވުމުގެ ނިޒާމަށް ޖެހޭ މައްސަލަތަކާއި، މާބަނޑުވުމާއި ވިހެއުމުގައި ދިމާވާ މައްސަލަތައް ހިމެނެއެވެ.

މީގެ އިތުރުން މާދަމާ ކަށީގެ ޚާއްޞަ ޑޮކްޓަރެއް ހުޅުމާލޭ ހޮސްޕިޓަލުގައި ބައްލަވަމުން ގެންދަވާނެއެވެ. މި ޑޮކްޓަރު ފަރުވާ ދެއްވާ ކަންކަމުގެ ތެރޭގައި ހުޅުހުޅަށް ދިމާވާ މައްސަލަތައް ކަމުގައިވާ އާތްރައިޓިސް، ހުޅުބިންދައިގެން ދިއުމާއި ރިއްސުން، ކަށިފީވުން، އުނަގަނޑުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. އަދި ސެރެބްރަލް ޕަލްސީގެ ސަބަބުން ކަށްޓަށް ދިމާވާ މައްސަލަތަކާއި، ބުރަކަށްޓަށްޖެހޭ ސްކޯލިއޯސިސް ފަދަ ބަލިތަކަށް ފަރުވާ ދެއްވާނެ ކަމަށް އެންސްޕާއިން ވިދާޅުވެއެވެ.