ޚަބަރު

އިމިގްރޭޝަނާއި، ޑީއެންއާރު ދާޚިލީ ވުޒާރާގެ ދަށަށް


  • ވުޒާރާތަކުގެ މެންޑޭޓަށް ވަނީ ބަދަލުތަކެއް ގެންނަވާފައި

  • އެއްވުޒާރާއިން އަނެއްވުޒާއަށް ޖުމްލަ 13 ތަނެއް ބަދަލުކުރެއްވި

  • މިއީ ޚިދުމަތް އަވަސްކުރުމާއި ފަސޭހަކުރުމަށް ގެންނެވި ބަދަލެއް

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލާއެކު އިމިގްރެޝަންގެ ޚިދުމަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރައްވައިފިއެވެ. މީގެ ކުރިން އިމިގްރޭޝަންގެ ޚިދުމަތް ދެމުން އައީ ދިފާޢީ ވުޒާރާގެ ދަށުންނެވެ.

އައު ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި މި ބަދަލާއި ގުޅިގެން ޕާސްޕޯޓާ ގުޅުންހުރި މަސައްކަތްތައް ދެން ކުރައްވާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުންނެވެ.

އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލާއި ގުޅިގެން މީގެ ކުރިން ސިއްޙީ ވުޒާރާގެ ދަށުން ބަލަހައްޓަމުން އައި "ނެޝަނަލް ޑްރަގް އެޖެންސީ"އާއި، އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ބަލަހައްޓަމުން އައި "ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން" މިހާރު ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައެވެ. މީގެ އިތުރުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީވެސް މިހާރު ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައެވެ.


މީގެ ކުރިން އިޤުތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ދަށުން ބަލަހައްޓަމުން އައި "ލޭބަރ ރިލޭޝަންސް އޮތޯރިޓީ" އާއި "ނޭޝަނަލް ޖޮބް ސެންޓަރ" މިހާރު ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައެވެ. އަދި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ކުރިން ބަލަހައްޓަމުން އައި "ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް" އާއި "ނޭޝަނަލް އާޓް ގެލެރީ" އާއި، "ޤައުމީ ކުތުބުޚާނާ" އާއި "ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން" އާއި "ޤައުމީ އަރުޝީފު" މިހާރު ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައެވެ.

ބައެއް ވުޒާރާތަކުގެ މެންޑޭޓަށް ސަރުކާރުން ބަދަލު ގެންނަވާފައިމިވަނީ ސަރުކާރު ހިންގުމަށް ފަސޭހަކޮށް ރައްޔިތުންނަށް ޚިދުމަތްތައް ދިނުން އަވަސް ކުރުމުގެ ގޮތުންނެވެ.