ޚަބަރު

ބައިޑަންއާއި ޝީގެ ބައްދަލުވުން، ނުތަނަވަސްކަމަށް ހައްލެއް ހޯދަނީ


އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައްދަލުކުރައްވައި، ހަތަރު ގަޑިއިރުގެ ދިގު މަޝްވަރާއެއް ކުރައްވައިފިއެވެ. ދެ ބޭފުޅުން ބައްދަލު ކުރައްވާފައި ވަނީ ޝީ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ރަށެއް ކަމުގައިވާ ސެން ފްރެންސިސްކޯ ސަރަޙައްދުގައެވެ. މިއީ، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ބޭފުޅުން ބައްދަލުކުރައްވާފައިވާ ފުރަތަމަ ފަހަރެވެ.

ބައިޑަންއާއި ޝީ ބައްދަލު ކުރައްވާފައި މި ވަނީ، ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސް ކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި، ދެ ޤައުމުގެ އަސްކަރިއްޔާތަކުގެ މެދުގައި ވާހަކަ ދެއްކުން ހުއްޓައިލާފައިވާ ދަނޑިވަޅެއްގައެވެ. ދެ ޤައުމުގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ތައިވާނުގެމ މިނިވަންކަމާ ގުޅޭ މައްސަލައެވެ.

ސެން ފްރެންސިސްކޯއާ 40 ކިލޯމީޓަރު ދުރުގައި އޮންނަ 'ކަންޓްރީ ރީޓްރީޓެ'އް ކަމުގައިވާ ފިލޯލީ އެސްޓޭޓްގައި ދެ ބޭފުޅުން ވަނީ ދެ ގަޑިއިރު ވަންދެން މަޝްވަރާ ކުރައްވާފައެވެ. އަދި، އެއަށްފަހު ދެ ޤައުމުގެ އިސް އޮފިޝަލުންނާ އެކު އިތުރު ދެ ގަޑިއިރެއްހާއިރު 'ވަރކިންގ ލަންޗެ'އްގައި އިތުރު މަޝްވަރާތައް ކުރެއްވިއެވެ.

މަޝްވަރާތަކުގައ ދެ ބޭފުޅުން ވަނީ، ގުޅުން ކެނޑިފައިވާ ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ވާހަކަ ދެއްކުން އަލުން ފެށުމަށް އެއްބަސްވެފައެވެ. މިއީ، ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. ބައިޑަން ވަނީ، މަޝްވަރާތަކާ މެދު އުފާ ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ދެ ލީޑަރުންގެ ޚިޔާލާއި މަޝްވަރާއަށް އަނެއް ލީޑަރު އިޙުތިރާމު ކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ދެކެން. އަޅުގަނޑުމެން ދެ މީހުންނަށް ގުޅިގެން ހައްލުތައް ހޯދޭނެ ބޮޑެތި މައްސަލަތަކެއް ބައިނަލްއަޤުވާމީ މަސްރަޙަށް ވަނީ ކުރިމަތިވެފައި. މިއަދު އަޅުގަނޑުމެން ދެ މީހުންނަށް ކުރިއެރުންތަކެއް ހޯދުނު،" ބައްދަލުވުމާ ގުޅޭ ގޮތުން އެކްސް (ކުރީގެ ޓްވިޓަރ)ގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ބައިޑަން ވިދާޅުވިއެވެ.

ޝީ އެމެރިކާއަށް ވަޑައިގަންނަވާފައި ވަނީ ސެން ފްރެންސިސްކޯ ކައިރީގައި އޮންނަ ރަށެއްގައި ކުރިއަށް ދިޔަ އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕޮރޭޝަން (އޭޕެކް) ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާށެވެ. "މި ދުނިޔެއަކީ ބޮޑު ދެ ޤައުމަކަށް ވަކިން ކާމިޔާބުކަމާ އެކު ކުރިއަށްދެވޭނެހާ ބޮޑު ދުނިޔެއެއް،" ބައިޑަންއާ ވާހަކަފުޅު ދައްކަވަމުން ޝީ ވިދާޅުވިއެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގައި ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައިގެ އިތުރުން ދެކުނު ޗައިނާ ކަނޑަށް ޗައިނާއިން ބާރުފޯރުވާ މައްސަލައާއި، ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާއި، ރަޝިޔާއިން ޔޫކްރެއިންގެ ކުރަމުންދާ ހަނގުރާމައިގެ އިތުރުން އުތުރު ކޮރެޔާގެ މިސައިލް ޕުރޮގުރާމާ ގުޅޭ މައްސަލައާއި އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ދެ ޤައުމުގެ އަސްކަރިއްޔާއިން ގުޅުން ކަނޑައިލާފައި ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކުރީގެ ރައީސާ ނޭންސީ ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ. ޗައިނާއިން ދެކޭ ގޮތުގައި ތައިވާނަކީ އެ ޤައުމުގެ ބަޔެކެވެ. ނަމަވެސް، ތައިވާނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައި، އެމެރިކާއިން ދަނީ ތައިވާނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.