ކުޅިވަރު

ވޮލީގެ އަހަރީ އާންމު ޖަލްސާ ސްޕޯޓްސް ކޮމިޝަނުން ބަލައެއް ނުގަތް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އަހަރީ އާންމު ޖަލްސާ ބަލައިނުގަންނަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނިންމައިފިއެވެ.

މި ޖަލްސާ ބާއްވާފައިވަނީ މި މަހުގެ ތިންވަނަ ދުވަހުގައެވެ. އެކްޓިން ކޮމިޝަނާ އޮފް ސްޕޯޓްސް އައިޝަތު ސަމާހު ސޮއިކުރައްވާ ވީއޭއެމަށް ފޮނުވާފައިވާ ސިޓީގައި ވަނީ މި ޖަލްސާ ބަލައިނުގަންނަން ނިންމި މައިގަނޑު ފަސް ކަމެއް ހާމަކޮށްދެއްވާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ވީއޭއެމުގެ މެންބަރުން ކަނޑައެޅުމުގައި ދުނިޔޭގެ ވޮލީބޯޅަ ޖަމުއިއްޔާއިން އަމަލުކޮށްފައިވާ ގޮތާއި، ވީއޭއެމުން އަހަރީ އާންމު ޖަލްސާގައި އަމަލުކޮށްފައިވާ ގޮތުގެ އިތުރުން، ހިންގާ ކޮމިޓީގެ ދައުރާއި، އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ އިތުރުން ފާސްކުރަން ހުށަހެޅި ހިންގާ ގަވާއިދުގައި ކުޅިވަރު ޖަމުއިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދާއި، އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާ ޚިލާފު ކަންތައްތަކެވެ.

އެ ދުވަހުގެ ޖަލްސާގައި އެސޯސިއޭޝަނުގެ އަސާސީ ގަވާއިދަށް ވަނީ ބަދަލުތަކެއްވެސް ގެނެސްފައެވެ. އޭގެ ތެރޭގައި އެސޯސިއޭޝަނުގެ އިންތިޚާބުގައި ވޯޓުލާ އުސޫލަށް ބަދަލު ގެނައުމާއި، އެސޯސިއޭޝަންގެ ވޯޓުލެވޭ މެންބަރުން ކަނޑައެޅުމާއި، އެސޯސިއޭޝަންގެ ބަޖެޓް އަދި އަހަރީ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ.

އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ވީއޭއެމުގެ މެންބަރު ކުލަބުތަކުގެ އުސޫލެވެ. އެގޮތުން މީގެކުރިން ހަތް ކުލަބަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭއިރު، ފުރިހަމަ މެންބަރު 16 ކުލަބަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ފާސްކޮށްފައެވެ.

އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކާއެކު 10 ދުވަހުގެ ތެރޭގައި ވީއޭއެމުގެ އައު އިންތިޚާބެއް ބާއްވަންވެސް ފާސްކުރިއެވެ. އެކަމަކު އެ މުއްދަތުގައި އިންތިޚާބު ބޭއްވިފައި ނުވުމާ ގުޅިގެން، ކުލަބުތަކުގެ އެދުމުގެ މަތިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ރޭ ބާއްވަން ނިންމިއެވެ. ނަމަވެސް އެ ކޮންގްރެސް ވަނީ އެހެން ތާރީޚަކަށް މިހާރު ފަސްކޮށްފައެވެ.

ވޮލީބޯލް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާއެއް ބާއްވާފައިވާއިރު، އެ އެސޯސިއޭޝަނުން މިދިޔަ އަހަރުތަކުގައި ގަވާއިދާ އެއްގޮތަށް އަހަރީ ކޮންގްރެސް ބާއްވާފައެއް ނުވެއެވެ. އެއާއެކު ލިޔެކިޔުން ހަމަނުވެގެން އުވާލާން އިއުލާންކުރި ޖަމުއިއްޔާތަކުގެ ތެރޭގައިވެސް ވީއޭއެމް ހިމެނުނެވެ.