ކުޅިވަރު

އޭޝިއާ ހޭންޑްބޯޅައިގެ ކޮންޓިނެންޓަލް ރެފުރީ ބެޖު ޝިޒްނާ އާއި ރަފާހާއަށް


އޭޝިއާ ސަރަހައްދުގެ އެންމެ މަތީ ފާސް ހާސިލުކުރި ފުރަތަމަ ދިވެހި ހޭންޑްބޯޅަ ރެފުރީންނަށް ޝިޒްނާ ރަޝީދާއި ރަފާހާ އިބްރާހީމް ވެއްޖެއެވެ.

މި މަގާމު ޝިޒްނާ އާއި ރަފާހާއަށް ލިބުނީ އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަން (އޭއެޗްއެފް) ގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ހާސިލުކޮށްގެންނެވެ. އެއާއެކު މި ދެ ރެފުރީން ވެފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުންވެސް އައިއެޗްއެފްގެ ރެފުރީ ބެޖު ލިބުނު ފުރަތަމަ ދިވެހި ދެ ރެފުރީންނަށް ވެފައެވެ.

ރާއްޖޭގެ ދެ ރެފުރީން މި ޝަރަފު ހޯދާފައިވަނީ މި މަހުގެ 6-16 އަށް ބަހްރެއިންގެ މަނަމާގައި ކުރިއަށްދިޔަ އޭއެޗްއެފްގެ ކޮންޓިނެންޓަލް ރެފުރީސް ބެޖުގެ ކޯހުން ފާސްވެގެންނެވެ. އޭޝިއާގެ އެކި ގައުމުތަކުން ޖުމްލަ 38 ރެފުރީން ވަނީ މި ކޯހުގައި ބައިވެރިވެފައެވެ.

ޖުމްލަ ތިން ޕެއާއެއް ވަނީ މި ކޯހުގައި ރާއްޖެ ތަމްސީލުކޮށްފައެވެ. އެއީ ރަފާހާ އާއި ޝިޒްނާގެ ޕެއާގެ އިތުރުން އަބްދުﷲ ސަމީހާއި ޔޫސުފް އަހުޒަމް މުޖުތަބާގެ ޕެއާ އާއި ޝާމިން އިބްރާހީމް އަދި މުޙައްމަދު ޝަނީފްގެ ޕެއާއެވެ.

މި ކޯހުގެ ފިރިހެން ބައިގައި ޖުމްލަ 12 ރެފުރީން ވަނީ ފާސްވެފައެވެ. އެއީ ބައިވެރިވި 30 ރެފުރީންގެ ތެރެއިންނެވެ.