ދުނިޔެ

ޕަންޖާބު ސްޓޭޓުން ފައްސަތޭކައަށްވުރެ ގިނަމީހުން ހައްޔަރުކޮށްފި


ޕާކިސްތާނުގެ އިރުމަތީގެ ސިޓީއެއްކަމަށްވާ ލާހޫރަށް ދިން ޓެރަރިސްޓް ޙަމަލާތަކަށްފަހު ޕަންޖާބު ސްޓޭޓުން ފައްސަތޭކައަށްވުރެ ގިނަމީހުން ހައްޔަރުކޮށްފައިވާކަން އެޤައުމުން ހާމަކޮށްފިއެވެ.

ލާހޫރު ނިސްބަތްވާ ޕަންޖާބު ސްޓޭޓްގެ ލޯކަލް ސަރުކާރުގެ ވަޒީރެއްކަމަށްވާ ރަނާ ސުންޢަﷲ ވިދާޅުވީ ފައްސަތޭކަ މީހުން ހައްޔަރުކޮށް އެމީހުންނާ ސުވާލުކުރުމަށްފަހު އޭގެތެރެއިން ދުއިސައްތަ އަށްޑިހަ ހަތަރުމީހުން މިހާރު ދޫކޮށްލާފައިވާނެ ކަމަށާ އިތުރު ތަޙްޤީޤް ތަކަށްޓަކައި، ބާކީތިބި ދުއިސައްތަ ސޯޅަ މީހުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާނެ ކަމަށެވެ.

މި މީހުން ހައްޔަރުކުރީ ލާހޫރުގެ ޓެރަރިސްޓް ޙަމަލާތަކަށްފަހު ޕާކިސްތާނުގެ ޖާސޫސީ އިދާރާއާއި ފުލުހުންގެ މުއައްސަސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށްވެސް ރަނާ ވިދާޅުވިއެވެ. ލާހޫރުގެ ގުލްޝަން އިޤްބާލް ޕާކުގައި މީހަކު އަމިއްލައަށް މަރުވެގެން މިދިޔަ އާދީއްތަދުވަހު ދިން ޓެރަރިސްޓް ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގެ އެންމެ ނުރައްކާތެރި ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ ތާލިބާން ޖަމާޢަތަށް ނިސްބަތްވާ ގުރޫޕަކުންނެވެ.

70 މީހުން މަރުވެ ދުއިސައްތަ އަށްވުރެ ގިނަމީހުން ޒަޚަމްވި އެޙަމަލާދިނީ ޕާކިސްތާނުގެ ބައިމަދު ނަޞާރާއިންނަށް އަމާޒުކޮށްގެން ކަމަށް އެގްރޫޕުންވަނީ ބުނެފައެވެ.