ޚަބަރު

ރިޔާސީ އައު ދައުރަކަށް މަރުޙަބާ ކިޔުމަށް ޖުމްހޫރީ މައިދާނުގައި ހަވާއަރުވައިފި


  • ހަވާއެރުވުމުގެ ހަރަކާތް ބަލާލުމަށް ގިނަ ޢަދަދެއްގެ އާއްމުންވަނީ ޖުމްހޫރީ މައިދާނަށް ޖަމާވެފައި

  • ގިނަ އަދަދެއްގެ ކުޑަކުދިންވަނީ ހަވާ ބެލުމަށް ގޮސްފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ހުވާކުރެއްވުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ހަވާއަރުވައިފިއެވެ.

މޯލްޑިވްސް ޑިފެންސް ފޯސްއިން ހަވާއަރުވާފައިވަނީ 5 މިނިޓުގެ ވަގުތަކަށެވެ. ހަވާއެރުވި މަންޒަރު ބަލާލުމަށް ގިނަ ޢަދަދެއްގެ ޢާއްމުންނާއި ކުޑަކުދިން ޖުމްހޫރީ މައިދާން ސަރަޙައްދަށް ވަނީ ޖަމާވެފައެވެ. ހަވާއެރުވުމަކީ ޢާއްމުކޮށްވެސް ގިނަ ބައެއްގެ ޝައުގުވެރިކަން އެކަމަކަށް ހުއްޓޭ ކަމެކެވެ. ހަވާ ބެލުމަށް އެ ސަރަޙައްދަށް ގޮސްތިބި ބައެއް ކުޑަކުދިންވަނީ އެކުދިންގެ ޝުޢޫރު ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.

"ވަރަށް އުފާވޭ ހަވާ އަރުވާތީ" އެތަނުން ވާހަކަދެެއްކި ކުއްޖަކު ބުންޏެވެ. "ހަވާ ބަލާލަން ފެމިލީއާއެކު އާދެވުނީމަ ވަރަށް އުފާވޭ" އިތުރު ކުއްޖަކު ބުންޏެވެ.

ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހަވީރު ޖުމްހޫރީ މައިދާނުގައި ވަނީ ބާއްވާފައެވެ.

މިޖަލްސާއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ކުލަގަދަކޮށް އަދި އެންމެ ގިނަ ބަޔަކަށް ދަޢުވަތު އަރުވައިގެން ރައީސަކު ހުވާކުރެއްވުމަށް ބޭއްވި މިފަދަ ޖަލްސާއެވެ.

އެމަނިކުފާނު ހުވާކުރެއްވުމަށް ބޭއްވި ޖަލްސާ ކުލަ ގަދަކޮށް ގިނަ ބަޔަކަށް ދަޢުވަތު އަރުވައިގެން ބޭއްވުމުގެ މައިގަނޑު ސަބަބަކީ ޤައުމުގެ އެންމެ މުހިއްމު ދުވަސްތަކުގައި އެކަމުގައި ބައިވެރިވެވޭ އެންމެ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުންކަމަށް ކުރިން ރައީސް ޑރ.މުޢިއްޒުވަނީ ވިދާޅުވެފައެވެ.