ވިޔަފާރި

އެމް.ޓީ.ސީ.ސީ "ކަށަވަރު" ފިހާރައިގެ ޚިދުމަތް ތިލަފުށީގައި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޓީ.ސީ.ސީގެ ކަށަވަރު ފިހާރައިން ފޯރުކޮށްދޭ ޚިދުމަތްތައް ކ. ތިލަފުށީގައި އިފްތިތާޙްކޮށްފިއެވެ.

އެކަމަށްޓަކައި، ތިލަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަށަވަރު ފިހާރައިގެ ޑިސްޓްރިބިއުޝަން ޔުނިޓެއް ތިލަފުށީގައި ޤާއިމުކޮށް، އެތަނުގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޚްކޮށްދެއްވީ، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ޢިބްރާހިމް އަބްދުއްރައްޒާޤު ޙަލީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ޢިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ތިލަފުށީގައި އަލަށް ޤާއިމުކުރެވުނު، ކަށަވަރު ފިހާރައިގެ ޑިސްޓްރިބިއުޝަން ޔުނިޓުން، މާލޭގެ ކަށަވަރު ފިހާރައިން ވިއްކާ އިންޑަސްޓްރިއަލް ގޭސް އަދި ސިގްމާ ދަވާދު ފަސޭހަކަމާއެކު ތިލަފުށިން ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން، މާލޭއިން ތިލަފުއްޓަށް އިންޑަސްޓްރިއަލް ގޭސް އަދި ދަވާދު  ގެންދިޔުމަށް ވިޔަފާރިވެރިން ކުރަންޖެހޭ ޚަރަދުތައް ސަލާމަތްކުރެވި، ސީދާ ތިލަފުށިން އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ. އަދި އެތަކެތި ގުދަންކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރެވިގެންދާނެ ކަމަށާއި، އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ، ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނާއި ވީހާވެސްގާތުން ފޯރުކޮށްދިނުން ކަމަށްވެސް ޢަބްދުއްރައްޒާޤު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14592644459455.jpg|އެމް.ޓީ.ސީ.ސީގެ ކަށަވަރު ފިހާރައިން ވިއްކާ ބައެއް ތަކެތި- ފޮޓޯ: ޕީއެސްއެމް

ތިލަފުށީގައި ޤާއިމުކުރި ކަށަވަރު ފިހާރައިގެ ޑިސްޓްރިބިއުޝަން ޔުނިޓުން ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ގޭހުގެ ތެރެއިން، އޮކްސިޖަން، އެސެޓްލިން އަދި އާގަން ލިބިގެންދާނެކަމަށް އެމް.ޓީ.ސީ.ސީއިން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން، ފެކްޓްރީ އައުޓްލެޓްތަކުގަޔާއި، އެހެނިހެން އިންޑަސްޓްރިއަލް ޒޯންތަކުގައި ބޭނުންކުރާ ޓޭންކްތަކުގަޔާއި، ތަޅުމުގައި އަދި ދަނގަޑަށް ރައްކާތެރިކަން ލިއްބައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ސިގްމާ ދަވާދު ލިބެން ހުންނާނެކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއްވައެވެ.