ޚަބަރު

ޑރ.މުޙައްމަދު މުޢިއްޒު 8 ވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވައިފި


  • ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފްވެސް މަޤާމުގެ ހުވާކުރެއްވި

  • ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ހުވާކުރެއްވުމަށްފަހު ހުވާގެ އިޤުރާރުގައިވަނީ ސޮއިކުރައްވާފައި

  • މިރަސްމިއްޔާތުގައި ކުރީގެ ރައީސުންނާއި ބޭރުގެ ޢިއްޒަތްތެރިންނާއި ގިނަ ޢަދަދެއްގެ ޢާއްމުން ބައިވެރިވި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޤާނޫނީ ހުވައި ކުރައްވަން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވީ ސަލާމަތީ ބާރުގެ ޚާއްސަ މޮޓޯކޭޑުގައެވެ.

ޑރ. މުޢިއްޒުގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، މަރުޚަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ޤައުމީ ދިފާޢީ ބާރުން އޮނަރގާޑު އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާ ވިދިގެން، ޤައުމީ ސަލާން ކުޅުނެވެ. އަދި، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޤާނޫނީ ހުވައިގެ ލިޔުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ސޮއިކުރެއްވިއެވެ. މި ދެލިޔުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ކުރީގެ ބައެއް ރައީސުން ކަމަށްވާ ރައީސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 49 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ރައީސް ރަނީލް ވިކްރަމަ ސިންގހާގެ ދެކަނބަލުންނާއި، ސީޝެލްސްގެ ނައިބް ރައީސް އަޙްމަދު އަފީފާއި، ޗައިނާގެ ރައީސްގެ ސްޕެޝަލް އެންވޯއީ ޝެން ޔީޖިންގެ އިތުރުން 12 ޤައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހުވާކުރުމަށް ބޭއްވި ދަރުބާރުގައި ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައެވެ.