ޚަބަރު

ޑރ.މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި ރައީސް ޞާލިޙު ބައިވެރިވެވަޑައިގަންނަވާނެ


  • ރައީސް ޞާލިޙުވަނީ ޑރ.މުޢިއްޒުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވާފައި

  • ރައީސް ޞާލިޙުވަނީ ޑރ.މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން ބައްދަލުކުރައްވާފައި

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޑރ.މުޢިއްޒު ހުވާކުރައްވާ ޖަލްސާއަށް ރައީސް ޞާލިޙަށްވަނީ ދަޢުވަތު އަރުއްވާފައެވެ. އަދި އެމަނިކުފާނު އެދަޢުވަތު ޤަބޫލުފުޅުކުރައްވާ ޖަލްސާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ރައީސް ޞާލިޙުވަނީ ޑރ.މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނާއި ބައްދަލުކުރައްވާ މަރުޙަބާވެސް ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ބާރުތައް ބަދަލުވާ އިންތިޤާލީ މަރުޙަލާގައި އިންތިޚާބީ ރައީސްއަށް ބޭނުންފުޅުވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ވިދާޅުވިފަދައިން ސަރުކާރުގެ އެންމެ އިސްވެރިޔާއިން ފެށިގެން މުވައްސަސާތަކުންވެސް އިންތިޤާލީ މަރުޙަލާގައި އެއްބާރުލުން ދެއްވާފައިވާކަން އިންތިޚާބީ ރައީސްގެ އޮފީހުންވެސްވަނީ ފާހަގަކުރައްވާފައެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ޖަލްސާގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގެ ވެރިންނާއި ވެރިންގެ ސަފީރުން ވަޑައިގަންނަވާފައިވެއެވެ. އެމަނިކުފާނު ހުވާކުރެއްވުމުގެ ޖަލްސާގައި 4500 އެއްހާ މީހުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. އެއީ ޤައުމުތަކުގެ އިސް ބޭފުޅުންނާއި ރާއްޖޭގައި އެކި ދުވަސްވަރު ޚިދުމަތްކުރެއްވި ބޭފުޅުންނާއި މިހާރުވެސް ޚިދުމަތުގައި ތިއްބެވި ބޭފުޅުން ހިމެނޭހެން ދަޢުވަތު އެރުވި 3500 ބޭފުޅުންނެވެ. މީގެއިތުރުން ޢާއްމުންނަށް މިޖަލްސާގައި ވީހާވެސް ބޮޑަށް ބައިވެރިވެވޭނެ ފުރުސަތު ދެއްވުމަށްޓަކައި ޑރ.މުޢިއްޒުވަނީ ޢާއްމުކޮށް ހުޅުވާލައިގެން 1000 ފަރާތަކަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައެވެ.