ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕް ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ


ފުރަތަމަ ސައުތު އޭޝިއަން ވިމެންސް ބާސްކެޓް ބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. މިއަދު އަވައްޓެރި ސްރީލަންކާއާ ވާދަކޮށް ރާއްޖެ ބަލިވީ 106 ޕޮއިންޓް 39 ޕޮއިންޓުންނެވެ.

 މެޗުގައި ސްރީލަންކާގެ ފަރާތުން ފެނުނީ އިސްކޮޅުގެ ފައިދާ ނަގައިގެން ކުޅުންތަނެވެ. ލަންކާ ޓީމްގައި ހިމެނެނީ ދިގު އަދި ތަޖުރިބާކާރު ކުޅުންތެރިންތަކެކެވެ. ރާއްޖެއިން މިމުބާރާތުގައި ވާދަކުރާ ވަރަށް ޒުވާން ޓީމެކެވެ. ޓީމުގައި އަށާރަ އަހަރުން މަތީގެ ހިމެނެނީ ތިން ކުޅުންތެރިންނެވެ. 

މެޗަށްފަހު ރާއްޖޭ ޓީމުގެ ކޯޗް އަހުމަދު ނަޒީފް ބުނީ މުބާރާތުގައި އޮތް އެންމެ ތަފާތު ޓީމަކީ ލަންކާ ޓީމު ކަމަށާއި، ޒުވާން ކުޅުންތެރިންތަކަކަށް މިމެޗުގެ ސަބަބުން މުސްތަޤްބަލުގައި ފައިދާތަކެއް ކުރާނެ ކަމަށެވެ.

" އިންޓަރނޭޝަަނަލް ކެރިއަރ މިފެށީ ވަރަށް ވަރުގަދަ މެޗަކުން. މެޗުގައި ލަންކާއިން ބޭނުން ކުރީ އިސްކޮޅުގެ ތަފާތު. މިމެޗުން ބަލިވި ނަމަވެސް މުބާރާތުން މެޑަލްއެއް ހޯދުމަށް ކުރާ މަސައްކަތަކަށް ބަދަލެއް ނާންނާނެ" ކޯޗް ބުންޏެވެ.



މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ނިކުންނާނީ މުބާރާތް ބާއްވާ ޤައުމު ނޭޕާލާ ދެކޮޅަށެވެ. ފަސް ޤައުމު ވާދަކުރާ މިމުބާރާތް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. މިއަދު ވަނީ ރާއްޖެ މެޗަށްފަހު މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުވެސް ބާއްވާފައެވެ.

ސާބާ ޗެމްޕިއަންޝިޕް ރަސްމީކޮށް ފައްޓަވައިދެއްވީ ސައުތު އޭޝިއަން ބާސްކެޓް ބޯލް ފެޑެރޭޝަންގެ ރައީސް އަހުމަދު ހާފިޒުއާއި، ނޭޕާލްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ޖީވާން ރާމް ޝްރެސްތާއެވެ.