އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ކުލަބު އީގަލްސް ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ލީގުގެ ކުޅުން މިއަދު ފަށާފައިވަނީ 79 ދުވަހުގެ މެދުކެނޑުކަމަށްފަހުއެވެ. އެގޮތުން ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން އީގަލްސް މޮޅުވީ ފަސޭހަކަމާއެކު 8-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ކެޕްޓަން އަޙްމަދު ރިޒުވާން (ރިޒޭ) ވަނީ އީގަލްސްއަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 17 ވަނަ މިނެޓުގައި ރިޒޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އީގަލްސްގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި އީގަލްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ރިޒޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ 10 މިނެޓު ފަހުން އީގަލްސްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އިސްމާޢީލް އީސަ (މެސީ) އެވެ.
މި މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މިލޮވާން ޕެޓްކޮވިޗް އީގަލްސްގެ ފަސްވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ހަވަނަ ލަނޑު އޭގެ 10 މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އަބްދުﷲ ޒުހާން ހަސަނެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި އީގަލްސްގެ ހަތްވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޒައިން ޒަފަރެވެ.
މި މެޗުގައި ޔޫވީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން ފޯވާޑް ޝަނާން ރަޝާދެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވަނީ އީގަލްސްގެ އަށްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް އީގަލްސްއަށް ވަނީ ކުޅުނު 10 މެޗުން 26 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގައި މިރޭ ކުލަބު ވެލެންސިއާއާ ދެކޮޅަށް މެޗު ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް، ވެލެންސިއާ ވަނީ ލީގުން ވަކިވާން ނިންމާފައެވެ. އެހެންކަމުން އެ މެޗުން މާޒިޔާއަށް ތިން ޕޮއިންޓް ލިބޭއިރު، އެ ޓީމަށް ނުވަ މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.