ސެޕްޓެމްބަރު 30ވަނަ ދުވަހު ނެގި ރިޔާސީ ވޯޓުން ކުރިއަށް އޮތް 5 އަހަރު ދުވަހަށް ރާއްޖޭގެ ރައީސްކަން ކުރައްވާނެ ބޭފުޅަކު މިވަނީ ހޮވާފައެވެ. 1މަހާއި 17 ދުވަހު، އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު، މިއަދަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ 8ވަނަ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ރައީސްކަމުގެ މަޤާމާއި ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާ ދުވަހެވެ.
ކުރިއަށް އޮތް 5 އަހަރަށް ރައްޔިތުން އިންތިޚާބުކުރި އައު ރައީސް، ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ. ކުލަގަދަ ރަސްމިއްޔާތަށް، ރައްޔިތުންގެ މަޖިލީހުންވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. މި ރަސްމިއްޔާތު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ރައީސަކު ހުވާކުރެއްވުމަށް ބާއްވާ އެންމެ ބޮޑު ރަސްމިއްޔާތަށެވެ.
މިރަސްމިއްޔާތުގައި ދަޢުވަތު ދެވިގެން 3500 އަށްވުރެ ގިނަ މެހުމާނުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ބޭރު ޤައުމުތަކުން މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭހެން 46 ޤައުމަކުން ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއެވެ.
އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމަށް، 1000 އާއްމު ރައްޔިތުންނަށްވެސް ރަސްމިއްޔާތު ބަލާލުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ތައްޔާރުވުމުގެ ބޮޑެތި ހުރިހާ މަސައްކަތްތައް ނިމި، މިހާރު ވަމުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ. އިންތިޚާބީ ރައީސް ހުވާ ކުރައްވާ ސްޓޭޖް ތައްޔާރުކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލިސް ސިފަވާ ހިތްގައިމު ފަރުމާއަކަށެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އެންމެފަހުގެ ތައްޔާރީތައް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުވަނީ ބައްލަވާލައްވާފައެވެ.
އިންތިޚާބީ ރައީސްގެ މޮޓޯ ކޭޑާއި ރަސްމިއްޔާތުގެ ސެކިއުރިޓީ އިންތިޒާމްތަކުގެ ކަންކަމުގައި ދިވެހި ސިފައިންނާއި ފުލުންވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މޮޓޯކޭޑްވެސްމެއެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:45 ގައެވެ. މިރަސްމިއްޔާތު ރާއްޖޭގެ މީޑިއާތަކުން ވަގުތުން ދުރަށް ދައްކާނެއެވެ. އަދި ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ މީޑިއާތަކުންވެސް މިރަސްމިއްޔާތު ކަވަރކުރަމުން ގެންދާނެއެވެ.
ޑރ.މުޢިއްޒުގެ ކެބިނެޓް ހުވާކުރެއްވުން އޮންނާނީ މިރޭ 07:30ގައެވެ. އެއަށްފަހު އޮންނާނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭރުގެ އިއްޒަތްރެރިންނާއި، ސަރުކާރުގެ އިސް ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭގަނޑުގެ ޖާފަތެކެވެ. ޖާފަތް ކުރިއަށްދާނީ ކުރުނބާ މޯލްޑިވްސްގައެވެ.
އައު ރައީސް ހުވާކުރެއްވުމުގެ އުފަލުގައި އާއްމުންނަށް ބައިވެރިވެވޭގޮތަށް، ހަވާއެރުވުމުގެ ހަރަކާތެއްވެސް މިރޭ އޮންނާނެއެވެ. ހަވާ އެރުވުން އޮންނާނީ މިރޭ 21:00ގައި އިއްޒުއްދީން ފާލަން ސަރަޙައްދުގައެވެ. ހަވާ އެރުވުން 5 މިނެޓަށް ކުރިއަށްގެންދާނެއެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ޖުމްހޫރީ މައިދާނުގައި ނަމަވެސް، މޫސުން ގޯސްވެއްޖެނަމަ ޖަލްސާގެ އިންތިޒާމްތައް މަޖިލިސްކުރާ ގެއަށް ބަދަލުކުރާނެއެވެ.