ޚަބަރު

މާދަމާ 14:00އިން 18:00އަށް މާލޭގައި ބޮޑެތި ވެހިކަލްތައް ދުއްވުން މަނާ


  • ސީ 1 ކެޓަގަރީގެ 350 ކިލޯގެ ކުދި ޕިކަޕް ފިޔަވައި އެހެން ބަރު އުޅަނދުތައް ދުއްވުން މަނާވާނެ

  • އުޞޫލާ ޚިލާފުވާ މީހުން 750 ރުފިޔާއިން ޖޫރިމަނާވާނެ

  • ސަލާމަތީ ބާރުތަކާއި ސަރުކާރު އިދާރާތަކުގެ އުޅަނދުތައް ދުއްވުން މަނާނުވާނެ

އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާ ވަގުތުގައި މާލޭގެ މަގުތަކުގައި ބޮޑެތި ވެހިކަލްތައް ދުއްވުން މަނާކޮށްފިއެވެ.

އެގޮތުން މިއުޅަނދުތައް ދުއްވުން މަނާ ވާނީ މާދަމާ މެންދުރު ފަހު 14:00 އިން 18:00 އަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވިދާޅުވީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުއާއި އިންތިޚާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާކުރައްވާ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވާތީ، މާލޭގެ ޓްރެފިކް ސެކިއުރިޓީ ކަންތައްތައް އަމާންކަމާއި އޮމާންކަމާއެކު ގެންދިއުމަށް މަގުތަކުގައި ދުއްވާ ބޮޑެތި އުޅަނދުތަކުގެ ތެރެއިން ސީ 1 ކެޓަގަރީގެ 350 ކިލޯގެ ކުދި ޕިކަޕް ފިޔަވައި އެހެން ބަރު އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ އެގަޑިތަކުގައި "ސީ2"، "ސީ0"، "ޑީ"، "އީ" އަދި "ވީ" ކެޓަގަރީގެ ވެހިކަލްތައް ދުއްވުން މަނާވާނެކަމަށެވެ. އެކެޓަގަރީތަކުގެ ވެހިކަލްތަކުގެ ތެރޭގައި ބޮޑެތި ވޭނާއި ކާރާއި މުދާ އުފުލުމަށް ބޭނުންކުރާ ވެހިކަލްތަކާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ވެހިކަލްތައް ހިމެނެއެވެ. އެހެންނަމަވެސް މިކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެ ވަގުތުތަކުގައި ދުއްވުން މަނާ ނުވާނެއެވެ.

މިނިސްޓްރީން ވިދާޅުވީ އެއުސޫލާ ޚިލާފަށް ދުއްވާ ވެހިކަލްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 16:45ގައި ޖުމްހޫރީ މައިދާނުގައެވެ. ރަސްމިއްޔާތާ ގުޅިގެން ބޮޑުތަކުރުފާނު މަގުން ބަންދު ކުރާނީ ލޯކަލް މާރުކޭޓުން ފެށިގެން ދެކުނަށް މާގިރި ހޮޓަލާ ހަމައަށެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލިސް ހިމެނޭ ސަރަހައްދާއި، ރައީސް އޮފީހާއި، މުލިއާގެ ހިމެނޭ ސަރައްދުގެ ބައެއް މަގުތައްވެސް ބަންދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިސަރަޙައްދުގައި އެއްގަމު އުޅަނދު ޕާކް ކުރުން މިހާރު ވަނީ މަނާކޮށްފައެވެ. ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުގައި އެއްގަމު އުޅަނދު ޕާކް ކުރުން މަނާކޮށްފައިވަނީ މިއަދުގެ 18:00 އިން ފެށިގެން މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ 15:00 އާއި ހަމައަށެވެ.

މިރަސްމިއްޔާތާއި ގުޅިގެން 1 ނަމްބަރު ފާލަން ހިމެނޭ ކަނޑުގެ ސަރަހައްދުންވެސް ބޮޑު ބައެއް ބަންދުކުރާނެއެވެ. އެގޮތުން 1 ނަމްބަރު ފާލަމުން ފެށިގެން 7 ނަމްބަރު ފާލަމަށް ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މިސަރަޙައްދަށް ވަދެ ނުކުމެ ހެދުން ބަންދު ކުރާނީ މިރޭ 00:00 އިން ފެށިގެން 18 ވަނަ ދުވަހުގެ 15:00 އާއި ހަމައަށެވެ.