ޚަބަރު

ސަރުކާރުގެ 10 ކުންފުންޏަކަށް ޙައްޖަށް ހިލޭ ދެވޭނެ 32 ފުރުސަތު


ސަރުކާރުގެ 10 ކުންފުންޏަކަށް ޙައްޖަށް ހިލޭ ދެވޭނެ 32 ފުރުސަތު ޙަވާލުކުރައްވައިފިއެވެ.

މިއީ އިސްލާމިކް މިނިސްޓްރީ އާއި ޙައްޖު ކޯޕަރޭޝަން އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ޙައްޖަށް ފޮނުވޭ ފުރުސަތުތަކެކެވެ.

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ ފުރުސަތުތައް މިފަހަރު ޙަވާލުކުރެވުނު ކުންފުނިތަކަކީ، އެމްޓީސީސީ، އެސްޓީއޯ،އެމްޑަބްލިއުއެސްސީ، ޕޯޓްސް ލިމިޓެޑް، އެޗްޑީސީ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ދިރާގު، ސްޓެލްކޯ އަދި އައިލެންޑް އޭވިއޭޝަނެވެ. ހުރިހާ ކުންފުނިތައް އެކުލެވޭގޮތަށް ހިމެނޭ 32 ފުރުސަތު ހަވާލުކުރެއްވީ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ ކުންފުނިތަކަށް މިފަދަ ފުރުސަތުތައް ފަހިކޮށްދެވެނީ ކުންފުނިތަކުގެ ހިންގުން އިތުރުވެ، ކުންފުނިތަކުގެ ފައިދާބޮޑުވުމުންކަމަށެވެ. އަދި ކުރިއަށްއޮތްތާގައި މިކަންތައްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ޤައުމުގައި ފިތުނަ ފަސާދަ ނުއުފެދޭނެގޮތަކަށް ދީނީ ހަމަތަކުގެ މަތިން ހުރިހާ ފަރާތްތަކުން ވާހަކަދެއްކުމަށް ގޮވާލެއްވިއެވެ. އިސްލާމިކް މިނިސްޓަރ ޑޮކްޓަރ ޒިޔާދު ބާގިރު ވިދާޅުވީ ޙައްޖަށް ދިޔުމަށް މުވައްޒަފުންނަށް ފަހިކޮށްދޭ ފުރުސަތުތަކަކީ ރޫހާނީ، އިޖްތިމާޢީ އަދި ދީނީގޮތުން މުވައްޒަފުން ބިނާކުރުމުގެ ވަރުގަދަ ހެއްކެއްކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި މަބްރޫރު ޙައްޖެއް އަދާކުރުމާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

ޙައްޖުގެ ފުރުސަތުތައް ޙަވާލުކުރެވުނު ކުންފުނިތަކުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ހައްޖަށް ދިޔުމަށް މުވައްޒަފުންނަށް ލިބޭ ފުރުސަތުތައް އިތުރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށާ، މިކަމުގައި ކުންފުނިތަކުގެ ފަރާތުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވިއެވެ. އަދި އެހެން އަހަރުތަކެކޭވެސް އެއްފަދައިން އެމްޓީސީސީގެ ފަރާތުން ދަތުރުފަތުރުގެ ކަންކަން ފަހިކޮށްދޭނެކަމަށެވެ.

މިރަސްމިއްޔާތުގައި ވަނީ ޙައްޖުގެ އަޅުކަން އަދާކުރާނެގޮތް އަންގައިދޭ ސީޑީ އެއް ނެރެދެއްވާފައެވެ. މިސީޑީގައި ހިމެނޭ މަޢުލޫމާތުތައް އިސްލާމިކް މިނިސްޓްރީގެ ޔޫޓިއުބް ޗެނަލްއަށް އަޕްލޯޑްކުރާނެކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.