މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި ވިރާޓް ކޯލީ ހެދި ރިކޯޑާއެކު ފައިނަލުގެ ފުރަތަމަ ޖާގަ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާއިން ހޯދައިފިއެވެ.
މުމްބާއީގައި ހުންނަ އެޑެން ވަންކެޑޭ ސްޓޭޑިއަމުގައި އިއްޔެ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުން އިންޑިއާ މޮޅުވީ ނިއު ޒީލަންޑާ ވާދަކޮށް 70 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން އިންޑިއާ އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 397 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 113 ބޯޅައިން 117 ލަނޑު ހެދި ކޯލީ އާއި 70 ބޯޅައިން 105 ލަނޑު އެއްކުރި ޝްރެޔާސް އަޔާއެވެ.
މި މެޗުގައި ހެދި ސެންޗަރީ އާއެކު ކޯލީ ވަނީ ބައިނަލްއަގުވާމީ އެއް ދުވަހުގެ ކްރިކެޓުގައި އެންމެ ގިނަ ސެންޗަރީ ހެދި ސަޗިން ޓެންޑުލްކަރުގެ ރިކޯޑު މުގުރާލާފައެވެ. އިއްޔެ ކުޅުނު މެޗުގައި ކޯލީ ހެދި ސެންޗަރީއަކީ އޭނާގެ ކެރިއަރުގެ 50 ވަނަ ސެންޗަރީއެވެ. ކޯލީ މި ރިކޯޑު މުގުރާލީ ޓެންޑުލްކަރު ކުޅުނު މެޗުތަކުގެ އަދަދަށްވުރެ 172 މެޗު މަދުން ކުޅެގެންނެވެ.
ޖަވާބުގައި ނިއު ޒީލަންޑް ކުޅެން އަރައި48.5 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 327 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 119 ބޯޅައިން 134 ލަނޑު ހެދި ޑެރީލް މިޗެލްއެވެ. މި އިނިންގްސްގައި އިންޑިއާގެ މުޙައްމަދު ޝަމީ ވަނީ 10 އޯވަރުގައި 57 ލަނޑަށް ހަތް ވިކެޓް ނަގާފައެވެ. މިއާއެކު ޝަމީ ވެފައިވަނީ ކްރިކެޓް ވޯލްޑް ކަޕް މެޗެއްގައި އިންޑިއާއަށް ހަތް ވިކެޓް ނަގައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި މޮޅާއެކު މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރީ ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. ފައިނަލްގައި އިންޑިއާ ދެކޮޅަށް ނުކުންނާނީ ސެމީގެ ދެވަނަ މެޗުގައި ދެކުނު އެފްރިކާ އާއި އޮސްޓްރޭލިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމެކެވެ.