ޚަބަރު

އީސީގެ މެންބަރެއްގެ ގޮތުގައި ނަޝާތަށް އިތުރު ދައުރެއް ދިނުމަށް މަޖިލީހުން ފާސްކޮށްފި


  • ނަޝާތަށް އީސީގައި އިތުރު ދައުރެއް ދިނުމަށް ފާސްވީ 42 މެންބަރުންގެ އަޤުލަބިއްޔަތުން

  • މިއަހަރުގެ ޖުލައި 25 އަށް ނަޝާތުގެ ދައުރު ވަނީ ހަމަވެފައި

  • ދެން ނަޝާތުގެ ދައުރު ހަމަވާނީ 2028 ގެ ޖުލައި 25 އަށް

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުގެ އިތުރު ދައުރަކަށް ޢަލީ ނަޝާތު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ނަޝާތަށް އިތުރު ދައުރެއް ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 42 މެންބަރުންނެވެ. ނުފެންނަކަމަށް 9 މެންބަރަކު ވޯޓު ދެއްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އަލީ ނަޝާތު އައްޔަންކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަދުވަހުއެވެ. އޭނާގެ ދައުރު މިދިޔަ ޖުލައި 25 އަށް ވަނީ ހަމަވެފައެވެ. އަދި އިތުރު ދައުރަކަށް ނަޝާތު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަން މަޖިލީހަށް ފޮނުއްވެވީ މިއަހަރުގެ މޭމަހު 29 ވަނަދުވަހުއެވެ.

އެހެންނަމަވެސް، އޭގެ ފަހުން މަހެއްވާން ގާތްވެފައިވަނިކޮށް ޖޫންމަހުގެ 22 ވަނަދުވަހު މަޖިލީހުން ޗުއްޓީއަށް ދިޔައީ އެކަމާއި މެދު ގޮތެއް ނުނިންމަވައެވެ. އެހެންކަމުން ސެޕްޓެމްބަރުމަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ އިލެކްޝަންސް ކޮމިޝަންގެ 4 މެންބަރުންނާއި އެކުއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ނަޝާތާއި ވަނީ އިންޓަވިއު ކޮށްފައެވެ. އަދި އިންޓަވިއު ކުރުމަށްފަހު، ކޮމެޓީގައި އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އޭނާގެ ނަން ފާސްވުމާއެކު، އޭނާގެ ދައުރު ދެން ހަމަވާނީ 2028 ވަނަ އަހަރުގެ ޖުލައި 25 އަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި 5 މެންބަރުން ތިއްބަވާއިރު، މެންބަރުންގެ ދައުރެއްގެ މުއްދަތަކީ 5 އަހަރެވެ.