ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތް ފެބްރުއަރީމަހު ބާއްވަނީ


  • މުބާރާތް ކުރިއަށްދާނީ ފެބްރުއަރީ 23 އިން މާރޗް 2 އަށް

  • މުބާރާތް ކުރިއަށްގެންދަނީ 3 ބަޔަކަށް ބަހާލާއިގެން

  • ކޮންމެ ބަޔަކުންވެސް 1،2،3 އަށް ދާ ބައިވެރިން ހޮވާނެ

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ ފެބްރުއަރީމަހު ބޭއްވުމަށް ނިންމައިފިއެވެ.

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ކޮންމެ އަހަރަކު ބާއްވަމުންދާ، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން މާރިޗު މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

މިފަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.

ސްކޫލް ކުދިންގެ ބައިން ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އަތޮޅު މުބާރަތުން ޤައުމީ މުބާރަތަށް ބައިވެރިން ހޮވަނީ އަތޮޅު ކައުންސިލުންނެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި އޮންނާނެއެވެ. މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުންވެސް މި ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.