ކުޅިވަރު

އެފްއޭއެމުން ބާއްވާ މުބާރާތްތަކަށް ހުރަހެއް މެދުވެރިވާނެ ހާލަތެއް ނެތް: ފުލުހުން


ތަހުގީގަށް ގެންދިޔަ ތަކެއްޗާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގައި ރާވާ މުބާރާތްތައް ބޭއްވުމަށް އެއްވެސް ހުރަހެއް މެދުވެރިވާން ޖެހޭ ހާލަތެއް ނެތް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ އެފްއޭއެމަށް ލިބޭ ފައިސާއަށް ހިޔާނާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ފުލުހުން އެފްއޭއެމަށް ވަދެ ގެންދިޔަ ތަކެތީގެ ސަބަބުން އެތަން ހިންގުމަށް ދަތިވެ މުބާރާތްތައްވެސް ބޭއްވެން ނެތް ކަމަށް ބުނުމުން އެކަމަށް ރައްދުދެމުންނެވެ.

ފުލުހުން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލުގެ އަމުރަށް އެފްއޭއެމް ހައުސްއަށް ވަދެފައެވެ. އަދި އެ އިދާރާއަށް ވަދެ ފުލުހުން ވަނީ ގިނަ އަދަދެއްގެ ސާމާނު ގެންގޮސްފައެވެ. އޭގެ ތެރޭގައި ހާޑް ޑިސްކުތަކާއި ލިޔެކިޔުން އަދި ސާވާ ބެކަޕް ހިމެނެއެވެ.

އެކަމާއި ގުޅިގެން އެފްއޭއެމުން ނެރުނު ނޫސްބަޔާނުގައި ބުނީ ގިނަ އަދަދެއްގެ ލިޔެކިޔުމާއި މަސައްކަތުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަން ޖެހޭ އެތަކެއް އާލާތްތަކެއް ފުލުހުންގެ ތަހުގީގަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންވެ އެފްއޭއެމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތަކަށް ބުރޫއަރައި ހުއްޓުމަކަށް އައިސްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް ފުލުހުން ބުނީ އެ އިދާރާއިން ހިފެހެއްޓި ތަކެއްޗާ ގުޅިގެން އެފްއޭއެމް ހިންގުމަށް ނުވަތަ އެފްއޭއެމުން ރާވާ މުބާރާތްތައް ހިންގުމަށްވެސް އެއްވެސް ހުރަހެއް މެދުވެރިވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ފުލުހުން ހިފެހެއްޓި ތަކެއްޗާއި ގުޅިގެން ދަތިވާކަމަށް ބަޔާންކުރުމުން ފުލުހުން އިސްވެ އެފްއޭއެމާއި ވާހަކަދެއްކުމަށްފަހު އެފްއޭއެމުން އެދުނު ސާމާނު އަނބުރާ ހަވާލުކޮށްފައިވާނެ ކަމަށެވެ
ފުލުހުން ބުނީ އެފްއޭއެމުގެ ރައީސް ހިމެނޭހެން އެ އިދާރާގެ ބައެއް އެހެން ފަރާތްތަކުގެ މައްޗަށް ފަރުދީގޮތުން ތުހުމަތުކުރެވޭ ޖިނާއީ ކުށްތަކެއްގެ ތަހުގީގުކުރުމަށް އެފްއޭއެމަށް ވަދެފައިވަނީ އެތަނުގައި ހުރި ލިޔެކިއުންތަކާއި ޑިޖިޓަލް ވަސީލަތްތަކުގައި މި މައްސަލަތަކާ ގުޅޭ ހެއްކާއި ގަރީނާ ލިބެންހުރި ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުމުން ކަމަށެވެ.

އަދި އެ އިދާރާއިން ހިންގި ތަހުގީގުތަކުން އެފްއޭއެމަށް ލިބޭ ބޭރު ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތައް މެދުވެރިކޮށް މުއާމަލާތްތައް ހިންގާފައިވާކަމުގެ ހެކި އެބަހުރި ކަމަށާއި، އެފްއޭއެމުގެ މާލީ މުއާމަލާތްތަކަށް ތަފްސީލު ގޮތެއްގައި ބަލަންޖެހޭނެތީ ޕީޖީގެ ލަފަޔާއެކު އެ އިދާރާގެ ޚާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލުގެ އޮފީހާއެކު މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައި އޮންނަތާ 79 ދުވަސް ފަހުން މާދަމާ ލީގުގެ ކުޅުން އަލުން ފަށަން އެފްއޭއެމުން މިހާރު ވަނީ ތައްޔާރުވެފައެވެ. ލީގު މެޗެއް އެންމެ ފަހުން ކުޅުނީ މިދިޔަ އޮގަސްޓް 29 ވަނަ ދުވަހުގެ ރެއެވެ.