ޚަބަރު

އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވިޔަ ނުދިނުމަށް ސަރުކާރާ މަޖިލީހަށް ބާރުއަޅަނީ


  • ގިނަ ޢަދަދެއްގެ ދިވެހިން އެއްވީ އިސްރާޢީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް

  • އެއްވުމުގެ ބައިވެރިން ތިބީ ފެހި ކުލައިގެ ހެދުމުގައި

  • މަޖިލީހުގެ ރައީސާއި މެންބަރުން ބައިވެރިންނާ ވާހަކަ ދެއްކި

އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް ސަރުކާރާ މަޖިލީހަށް ބާރުއަޅައިފިއެވެ. އެކަމަށް ގޮވާލާ ގިނަ ޢަދަދެއްގެ ބަޔަކު މިއަދު ވަނީ މަޖިލީހުގެ އިދާރާ ކައިރިއަށް އެއްވެ އަޑު އުފުލާފައެވެ.

ޔަހޫދީ އިސްރާޢީލުން ފަލަސްޠީނުގެ ޣައްޒާއަށް މެދުނުކެނޑި ހަމަލަދޭތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވަނީ ފާއިތުވެފައެވެ. މިކަމާއި ދެކޮޅަށް ދިވެހިންވެސް އަންނަނީ އަޑު އުފުލަމުންނެވެ. އެގޮތުން ދިވެހިންގެ ގިނަ ބަޔަކު އަންނަނީ އިސްރާޢީލުގެ ޕާސްޕޯޓުގައި މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެކަމަށް ޚާއްޞަ ޕެޓިޝަނެއްގައިވެސް ދަނީ ސޮއިކުރަމުންނެވެ.

މިގޮތުން ޤާނޫނު ހަދާ މަޖިލީހުންވެސް އިސްރާޢީުލު މީހުން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގޮވާލާ ގިނަ ބަޔަކު ވަނީ މަޖިލީހުގެ އިދާރާކައިރިއަށްވެސް އެއްވެފައެވެ. މި އެއްވުމުގައި ގިނަ ބަޔަކު އަޑު އުފުލިއިރު، މަޖިލީހުގެ ބައެއް މެންބަރުން ވެސް، އެމީހުންނާ ބައްދަލުކުރިއެވެ. އެ ތަނަށް އެއްވެ ތިބި ފަރާތްތައް ގޮވާލަމުން ދިޔައީ، އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭނެގޮތަށް ޤަރާރެއް ވަގުތުން މަޖިލީހަށް ހުށައެޅުމަށެވެ. އަދި ކުއްލި މައްސަލައެއްގެ ގޮތުގައި ވަގުތުން ވަގުތަށް މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށްވެސް ގޮވާލިއެވެ.

އެއްވުމުގެ ބައިވެރިންނާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މި އެއްވުމުގައި ބައިވެރިވި ފަރާތަކު ބުނީ، މިއަދު ނިކުތީ ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ ލާއިންސާނީ ޙަމަލާތަކާއި ގުޅޭގޮތުން ޝުޢޫރު ފާޅުކުރުމަށް ކަމަށެވެ. އޭނާ ބުނީ މަޖިލީހުގެ ރައީސްގެ ކިބައިން މައިގަނޑު 3 ކަމަކަށް އެދުނު ކަމަށެވެ. އެގޮތުން އެއް ކަމަކަކީ ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ވަގުތުން ވަގުތަށް ސީޒްފަޔަރއަކަށް ގޮވާލާ މޯޝަންއެއް ފާސްކުރުމަށް ކަމަށް އޭނާ ބުންޏެވެ. އަދި ޢަރަބި ޤައުމުތަކާއި ރާއްޖެ އާއި ދެމެދު އޮތް ގާތްގުޅުން ފާހަގަކޮށް، މި ޙަމަލާތައް ހުރިހާ ޤައުމެއް ގުޅިގެން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރުމަށް އެދިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ހަމައެއާއެކު، ރާއްޖޭގައި ޒަޔަނިޒަމް ޕްރޮމޯޓް ކުރުމާއި، ޒަޔަނިޒަމަށް ތާއީދުކޮށް ވާހަކަދެއްކުމަކީ ޤާނޫނުން މަނާކޮށްފައި އޮންނަ ކަމަށް ހެދުމަށްވސް ބައިވެރިންގެ ފަރާތުން މަޖިލީހުގެ ރައީސަށް އެދުނެވެ.

"މިވަގުތުން މިވަގުތަށް ޣައްޒާގައި ހިނގަމުންދާ ޤަތުލު ޢާންމު ހުއްޓުވުމަށް ސީޒްފަޔަރ އަކަށް ގޮވާލާ މޯޝަންއެއް ފާސްކޮށްދިނުމަށް. ދެން އަޅުގަނޑުމެން އެދުނީ ޢަރަބި ޤައުމުތަކާއި އޮތް ގާތްގުޅުން ބޭނުންކޮށް، އަދަށް ވުރެވެސް އިތުރަށް ހަރުކަށި ޢިބާރާތުން މިކަން ކުއްވެރިކޮށްދިނުމަށް." އެއްވުމުގެ މީހަކު ބުންޏެވެ.

ރާއްޖެއިން އަބަދުވެސް އަންނަނީ ފަލަސްޠީނާއެކު ތިބިކަން ހާމަކުރަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި ގިނަ ހަރަކާތްތަކެއްވެސް ދަނީ ހިންގަމުންނެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ މީޑިއާތަކެއް ގުޅިގެން ޓެލެތޯންއެއް ބޭއްވާފައިވާއިރު، ފަލަސްޠީނު ރައްޔިތުންނަށް ފަންޑު ހޯދުން ފަދަ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ދިވެހިން ތިބީ ފަލަސްޠީނާއިއެކުގައިކަން ދައްކުވާދިނުމަށް، އެތައް ހިނގާލުންތަކަކާއި، އެއްވުންތަކެއް ބާއްވާފާވެއެވެ.

އިޖުތިމާޢީ އެކި މަންސަތަކުގައި ފަލަސްޠީނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް ގޮވާލާ، ހިތުގެ ފުންމިނުން އެންމެ ފުޅާ ދާއިރާގައި ޝުޢޫރު ފާޅުކުރާ އެއް ބަޔަކީ ދިވެހިންނެވެ.

ދިވެހިން މިއަދު އެ ދައްކުވާދިން މަންޒަރަކީވެސް، ފަލަސްޠީނުގެ ރައްޔިތުންނާއި އެކު ތިބިކަމެވެ. އެ މީހުންގެ އުދާހުގައި ބައިވެރިވާ ކަމެވެ. އެ މީހުންނަށް އެހީވުމަށާއި، މި ހާލަތުން އަރާގަތުމަށް ކުރެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ކަންކަން ކޮށްދިނުމަށް ދިވެހި ދައުލަތުން އެދޭ ކަމެވެ.

ސިޔާސީ ކުލައަކަށް ބެލުމެއް ނެތި، ސިޔާސީ މަސްރަޙަށް ގިނަ ބަދަލުތަކެއް އައި މި ދަނޑިވަޅުގައިވެސް، ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ދިވެހިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަން ދެއްކިއެވެ. އެއްވުމަށް، އެއްވި ގިނަ ބަޔަކު ވެސް ބުނަމުން ދިޔައީ "އެ ޕާޓީ، މި ޕާޓީ" ނޯންނާނެކަމަށެވެ. މިއީ މުޅި މުސްލިމް އުންމަތް، އެ މައްސަލައަކަށް ހައްލު ހޯދުމަށްޓަކައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.