ޚަބަރު

ހުވާކުރާ ދުވަހު އިސްލާމީ މަރުކަޒު އެއްވެސް ވަގުތަކަށް ބަންދު ނުވާނެގޮތަށް އިންތިޒާމްކުރުމަށް އަންގައިފި


  • ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުނުކުރުމަށް އެދިވަޑައިގެންނެވި

  • ހުވާކުރުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނު ހިމެނޭ މަގުތައް ބަންދުވާނެ

  • ހުވާކުރުން އޮންނާނީ ހުކުރު ދުވަހު ހަވީރު

ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައި، އެއްވެސް ނަމާދު ވަގުތެއްގައި އިސްލާމީ މަރުކަޒު ބަންދުނުވާނެގޮތަށް އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށްވެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސް މިގޮތަށް އެދިވަޑައިގެންނެވީ އަންނަ ހުކުރު ދުވަހުގެ އަސުރު ނަމާދާއި މަޣުރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ވަދެވޭނީ ޗާނދަނީމަގު ފަޅިންކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވުމުންނެވެ. އެގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމެވީ، އަންނަ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ޖަލްސާ އޮންނާނެތީއެވެ.

މިކަމާ ގުޅިގެން އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިނުގަންނަވާކަން، އިސްލާމިކް މިނިސްޓްރީއަށް އެންގެވިކަމަށެވެ. އަދި، ސަލާމަތީ ސަބަބުތަކަށްޓަކައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނަ ދުވަހުގެ ޢަޞުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތު، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ޚާއްސަ ފަރާތެއް ނުވަތަ ދޮރޯށްޓެއް ހަމަޖެއްސެވި ނަމަވެސް، ނަމާދުކުރުމަށް މިސްކިތުގައި ޢާއްމު އުޞޫލުން ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދުނުވާނެ ފަދަޔަކުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމިކް މިނިސްޓްރީގައި އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހުކުރު ދުވަހުގެ ޢަޞްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް އަދި އެއްވެސް ނަމާދު ވަގުތެއްގައި މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، ބަންދުނުވާނެކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުގެ އަސުރު ނަމާދާއި މަޣުރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ނަމާދަށް ދާ ފަރާތްތަކުން މިސްކިތައް ވަނުމަށް ބޭނުންކުރެވޭނީ ނޭޝަލް އާޓްގެލެރީ ފަޅިއާއި، ޤައުމީ ދާރުލް އާސާރު ފަޅިން ޗާންދަނީ މަގު ފަޅިން ކަމަށް ހާމަކޮށްފައިވަނީ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދުވާނެތީވެ އެކަން ރައްޔިތުންނަސް އެންގުމުގެ ގޮތުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ދާއުވަތު އެރުވިގެން 3500 މީހުން ބައިވެރިވާނެއެވެ. އަދި ޢާންމުންގެ 1000 މީހުންނަށްވެސް މި ޖަލްސާ ކުރިއަށްދާ ސަރަހައްދަށް ވަނުމުގެ ފުރުޞަތު ދެއެވެ.