ޚަބަރު

އާރުޑީސީން ގިނަ ޢަދަދެއްގެ ލިޔެކިޔުންތައް ފުލުހުން ގެންގޮސްފި


  • ފުލުހުން އާރުޑީސީއަށް ވަދެފައިވަނީ 13 މިލިއަން ރުފިޔާގެ ޕެޓީކޭޝް މައްސަލާގައި

  • ތޭރަ ގަޑި އިރަށްވުރެ ގިނަވަގުތު ވަނީ މި އޮޕަރޭޝަން ހިންގާފައި

  • ފުލުހުން އަދި މިކަމާ ގުޅިގެން ތަފްސީލެއް ހާމައެއްނުކުރޭ

ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެތަނުގައި ހުރި ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ފުލުހުން ގެންގޮސްފިއެވެ.

އިއްޔެ ހެނދުނު އާރުޑީސީއަށް ފުލުހުންނާއި އޭސީސީން ވެދެފައިވާއިރު، ރޭ 11 ޖެހުމާއި ހަމައަށް އެތަނުގައި އެމީހުން ހަރަކާތްތެރިވެފައިވެއެވެ. އަދި ގިނަ ޢަދަދެއްގެ ލިޔެކިޔުމާއި ފައިލްތައް ފުލުހުންގެ އުޅަނދެއްގައި ވަނީ ގެންގޮސްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ފުލުހުން އާރުޑީސީއަށް ވަދެ ގެންގޮސްފައިވާ ލިޔެކިޔުންތަކަކީ ދާދި ފަހުން އެތަނުން ފެންމަތިވި 13 މިލިއަން ރުފިޔާގެ ޕެޓީކޭސް އާ ގުޅޭ މައްސަލައިގެ ތަޙުޤީގަށް ބޭނުންވާ ލިޔެކިޔުންތަކެކެވެ.

އާރުޑީސީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ފައިސާ ވަންނަކަމަށް ތުހުމަތު މި ސަރުކާރުގެ ވަރަށް ކުރީކޮޅު ކުރެވެން ފެށިއެވެ. ނަމަވެސް އާރުޑީސީން ބުނީ މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ޕެޓީކޭޝްގެ ގޮތުގައި މުވައްޒަފުންނަށް ދޭ ފައިސާކަމަށެވެ. އެގޮތުން ފައިނޭންސް ޑިޕާޓްމަންޓްގެ ތިން މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެއެވެ.

އިންތިހާބީ ރައީސް އެކުލަވާލާފައިވާ އިންތިގާލީ ކޮމެޓީތަކުންވެސް ވަނީ ސަރުކާރު ހިއްސާވާ އަދި ދައުލަތުގެ ބައެއް ކުންފުނިތަކުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ.