ވިޔަފާރި

ކުންފުނިތަކުގެ އަހަރީ ފީ މިމަހުގެ ނިޔަލަށް ދައްކަންޖެހޭނެ


މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުން މިމަހުގެ އެއްތިރީހުގެ ކުރިން އަހަރީ ފީދައްކާ ނިންމަންޖެހޭނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ އެ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ޚިދުމަތް ދެމުންދާ ކުންފުނިތަކުން ދައްކަންޖެހޭ ފީއާއި ޖޫރިމަނާވެސް ދައްކަމުންދާކަމަށެވެ. އަދި ފީނުދައްކާ ކުންފުނިތަކަކީ އެކުންފުނިތަކުން ކުރުމަށް ކަނޑައެޅި މަސައްކަތްތައް ކުރިޔަށް ގެންދަން ބޭނުންނުވާ ކުންފުނިތައްކަމަށް ވިސާމް ވިދާޅުވިއެވެ.

ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރާ ހިސާބުން ވިޔަފާރި ކުރިޔަށްގެންދާ މިންވަރަކުން ވަރަށް ގިނަ ޚިދުމަތްތަކެއް މިނިސްޓްރީން ފޯރުކޮށްދޭންޖެހޭކަމަށާއި، އެކުރުމަށް ކަނޑައަޅާކަމެއް ކުރިޔަށްގެންދަން ބޭނުންނުވާނަމަ ކުންފުނިތައް އުވާލުން މުހިންމުކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހަތަރު ބާވަތެއްގެ ވިޔަފާރި ރަޖިސްޓްރީކޮށްގެން ހިނަގމުންދެއެވެ. އެއީ އަމިއްލަ ވިޔަފާރިއާއި، ޕާޓްނަރޝިޕް، ކުންފުނި އަދި ކޯޕަރޭޓިވް ސޮސައިޓީއެވެ. މީގެ ތެރެއިން ކުންފުންޏާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު ބުނާގޮތުން ކޮންމެ އަހަރެއްގެވެސް މާޗްމަސް ނިމުމުގެ ކުރިން ފީއެއް ދައްކަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އަމިއްލަ ފަރުދުންގެ ވިޔަފާރިއާއި، ޕާޓްނަރޝިޕްތަކަކަށް ލާޒިމެއް ނުކުރޭ އަހަރީ ފީއެއްދައްކާކަށް، އެހެންނަމަވެސް ޤާނޫނު ބުނާގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރިއާއި، ޕާޓްނަރޝިޕްތަކުން ރެޖިސްޓްރޭޝަން ފީ ދައްކަންޖެހެއެވެ. ވިޔަފާރިތަކުގެ ތެރެއިން އަހަރީ ފީ ދައްކަންޖެހޭ ވިޔަފާރިތަކުން މިމަސް ނިމުމުގެ ކުރިން އަހަރީ ފީ ދައްކަންޖެހެއެވެ. ރާއްޖޭގައި ގާތްގަނޑަކަށް ސޯޅަ ހާހާއި ގާތްކުރާ ޢަދަދަކަށް އެކި ބާވަތުގެ ވިޔަފާރި ރަޖިސްޓްރީކޮށް ހިންގަމުންދާކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގައި ހަތްހާހަށްވުރެ ގިނަ ކުންފުނި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވެއެވެ.