ޚަބަރު

ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް އައު ސަރުކާރުގައި ގިނަ އިޞްލާޙުތަކެއް ގެންނާނެ: ސަލީމް


  • ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރައްވާނެ

  • ޝަރުޢީ ދާއިރާއާއި ގުޅޭ ގިނަ ޤާނޫނުތަކަކަށް އިޞްލާހު ގެންނާނެ

  • މި ފަސް އަހަރު ޝަރުއީ ދާއިރާއަށް އޮތީ ސިޔާސީ ނުފޫޒު ފޯރާފައިކަމަށް

އަދުލްއިންސާފުގެ ދާއިރާ ހަރުދަނާވާނީ އަދުލުވެރި، ތަނަވަސް ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކޮށްގެންކަމަށާއި، ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ މިންވަރަށް އައު ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭދަފުށީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސަލީމް މިހެން ވިދާޅުވީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޝަރުޢީ ދާއިރާގެ ސިޔާސަތުތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ "ދިވެހީންގެރާއްޖެ" ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ޚާއްޞަ އިސްކަމެއް ދެއްވާފައި އޮތް އަދުއިންސާފުގެ ދާއިރާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭދަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވިދާޅުވީ، ޝަރުއީ ދާއިރާ ފެއިލްވާ މައިގަނޑު އެއްސަބަބަކީ ކޮރަޕްޝަންކަމަށެވެ. އެމަގަށް ފަނޑިޔާރުންނާއި، ޤާޟީން ދާން މެދުވެރިވާ އެއްސަބަބަކީ އެމީހުންގެ ތަނަވަސްކަން ނެތުމުންކަމަށް ސަލީމް ވިދާޅުވިއެވެ.

އެހެންކަމުން ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް އައު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށާއި، އެދާއިރާ ހަރުދަނާ ކުރުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުންނުކުރާ މިންވަރަށް މަސައްކަތް ކުރައްވާނެކަމުގެ އިތުބާރު އޮބައޮތްކަމަށް ސަލީމް ވިދާޅުވިއެވެ. ސަބަބަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަކީ މީހެއްގެ ހައިބަތަކަށް ބެއްލެވުމެއްނެތި، މަގާމުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރައްވާނެ ރައީސަށް ވެވަޑައިގަންނަވާނެތީކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އަދުލު އިންސާފުގެ ދާއިރާ ނުވަތަ ޝަރުއީ ދާއިރާއަކީ މުޅި ގައުމުގެ ހުރިހާކަމަކާ ގުޅިފައި އޮތް އެންމެ މުހިންމު ދާއިރާކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، ނިމިގެންމިދާ ފަސްއަހަރު އަދުލުވެރި، އިންސާފުވެރި ވެރިކަމެއް މިޤައުމުގައި ނުކުރެވުނީ ކޯޓުތަކަށް ސިޔާސީ ބާރާ ނުފޫޒު ފޯރުވުމުންކަމަށެވެ.

ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ޤާނޫނުތަކަށް ބަދަލު ގެންނަން ޖެހޭކަމަށާ، ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ މަސައްކަތުގެ ތެރޭގައި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ހުރިނަމަ މަޖިލިސްތެރެއިން އެމަސައްކަތް ކުރައްވާނެކަމަށެވެ. މެނިފެސްޓީގައި ހިމެނިފައި ހުރި ކަންކަންމުގެ ތެރެއިން މަޖިލީހުން ފަށްޓަވާނެ އެންމެ މުހިންމު އެއްމަސައްކަތަކީ މަދަނީ މައްސަލަތަކުގައި އަވަސް އަދި އިންސާފު ހޯދައިދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް، މަދަނީ އިޖްރާއަތުގެ ޤާނޫނު އިޞްލާޙުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"ޝަރުއީ ދާއިރާ ބޮއްސުން ލައިފިނަމަ އެގަމުގެ ހުރިހާކަމެއް އޮންނާނީ ބޮއްސުންލާފަ. ރަނގަޅަށް ކުރެވޭއެއްވެސް ކަމެއް ނޯންނާނެ، އާ ރައީސްގެ މެނިފެސްޓޯގައި ހިމަނުއްވާފައި މިހުރި ކަންކަން ތަންފީޒުކުރުމަށް މަޖިލިސްތެރެއިން ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ މަސައްކަތްތަކެއް ކުރާނަން." އޭދަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވިދާޅުވިއެވެ.

ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ކުރައްވާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ފުރިހަމަ ބެއިލްގެ ޤާނޫނެއް ތަޢާރަފްކުރުން ހިމެނެއެވެ. ކޮންމެ މީހަކަށްވެސް ތުހުމަތުކުރެވޭ މަރްޙަލާގައާއި، ޙުކުމް އިސްތިއުނާފުކުރާ މަރްޙަލާތަކުގައި ބެއިލް ލިބޭނެގޮތް ހެދުމާ، ބެއިލް ބަހައްޓާނެ ފަރާތާއި، ބެއިލްގެ މިންވަރު ލިބޭނެގޮތް ހަމަޖެއްސުމާ، ދައުލަތުން ޙައްގުނޫންގޮތުގައި ހައްޔަރުކޮށް އަދަބުދޭ ފަރާތްތަކަށް ކޮމްޕެންޒޭޝަން ލިބޭނެ ގޮތްތަކާއި ޢުޞޫލުތައް ކަނޑައެޅުމަށްޓަކައި، ކްރިމިނަލް ކޮމްޕަންސޭޝަން ޤާނޫނެއް ތަޢާރަފުކުރުންފަދަ މުހިންމު އެތައްކަމެއް މެނިފެސްޓޯގައި ވަނީ ހިމަނުއްވާފައެވެ.

މީގެ އިތުރުން ސްމޯލް ކްލެއިމްސް ކޯޓެއް ޤާއިމުކުރުމާ، މަދަނީ މައްސަލަތަކުގައި އަވަސް އިންސާފު ހޯދައިދިނުމަށް އަދި އިންސާފު ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް، މަދަނީ އިޖްރާއަތުގެ ޤާނޫނު އިޞްލާޙުކުރުމާ، ޑްރަގްކޯޓްގެ ނިޒާމު ޒަމާނާ އެއްގޮތަށް ހަރުދަނާކުރުމާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިޞްލާޙުކޮށް، މުޖްތަމައުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިތުރު ބާރެއް އެޅުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާއި، ޖުޑިޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާގޮތް އިޞްލާޙުކޮށް އެމުއައްސަސާ މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވުމުގެ މަގު ބަންދުކުރުމާ، ޤައުމަށް ޣައްދާރުވުމުގެ ކުށް ތަފްޞީލުކޮށް ހިމެނުމަށްޓަކައި، ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް މަސައްކަތްކުރުންވެސް މެނިފެސްޓޯގައި ހިމެނެއެވެ.

އެއްވެއުޅުމުގެ ޙައްޤަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ބެލުމާއި، ކުރިއަރާފައިވާ ޤައުމުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކުރުމާއެކު އިސްލާމީ ޝަރީޢަތާ ޚިލާފުނުވާގޮތަށް، އެއްވެއުޅުމަށް އޮތް ޙައްޤު ފުޅާކުރެއްވުމަކީވެސް ޑރ. މުޙައްމަދު މުއިއްޒު، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ކުރައްވާނެ މުހިންމު މަސައްކަތްތަކެކެވެ.