ދުނިޔެ

ޗައިނާގެ ރައީސް، ޗެކް ރިޕަބްލިކަށް ވަޑައިގެންފި


ޗައިނާގެ ރައީސް ޝީޖިންޕިން، ރަސްމީ ދަތުރުފުޅެއްގައި ޗެކް ރިޕަބްލިކަށް ވަޑައިގެންފިއެވެ.

މިއީ ފާއިތުވި ފަސްދޮޅަސް ހަތް އަހަރުތެރޭގައި ޗައިނާގެ ރައީސަކު އެގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޗައިނާގެ ޚާރިޖިއްޔާއިން ބުނީ މިއީ ވިލާތުގެ މެދުތެރޭގެ ގައުމުތަކާއި އިރުމަތީގެ ބައެއް ގައުމުތަކަށް ރައީސް ޝީ ފައްޓަވާފައިވާ ދަތުފުޅުގެ ބައެއްކަމަށެވެ.

މިދަތުރުފުޅުގެ ބޭނުމަކީ ވިލާތުގެ މެދުތެރެއާއި އިރުމަތީގެ ގައުމުތަކާއި ޗައިނާއާދެމެދު ގުޅުންތައް ބަދަހިކުރުންކަމަށްވެސް ޗައިނާގެ ޚާރިޖިއްޔާއިން ބުނެއެވެ. ޗައިނާގެ ރައީސް ޝީ ގެ މިދަތުރުފުޅުގައި ޗެކް ރިޕަބްލިކްގެ ރައީސް މިލޮސް ޒީމާންއާ ބައްދަލުކުރައްވައި ދެގައުމުގެ ރަސްމީ ވާހަކަތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުފުޅާ ގުޅިގެން ދެގައުމުގެ ދެމެދުގައި އިޤްތިސާދީ އަދި ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.