ޚަބަރު

ޣައްޒާ އަލުން އާރާސްތުކުރުމަށް އެކުލަވައިލާފައިވާ ކޮމިޓީގެ މަރުކަޒަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި


  • ޣައްޒާއަށް ދެމުންދާ ހަމަލަތަކަކީ އިންސާނީ ޤާނޫނުތަކާ ހިލާފު ކަމެއް

  • ހަމަލާތައް ހުއްޓާލުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލި

ޣައްޒާ އަލުން އާރާސްތުކުރުމަށް އެކުލަވައިލާފައިވާ ޤަތަރު ކޮމިޓީ ފޮރ ދަ ރިކޮންސްޓްރަކްޝަން އޮފް ޣައްޒާގެ މައި މަރުކަޒަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާ ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ޚާރިޖިއްޔާއިން ނެރުއްވި ބަޔާނުގައި ވަނީ އާންމުންނާއި މަދަނީ، ޢުމްރާނީ ވަޞީލަތްތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފު ހަމަލާތަކެއް ކަމަށާއި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.

ހައްދުފަހަނައެޅި އިސްރާއީލުގެ ޔަހޫދީ ސިފައިން ހިނގަމުންދާ އަސްކަރީ އަނިޔާވެރިކަމާއި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން މިހާރުވެސް ކުށެއްނެތް އެތައް އާންމުންގެ ފުރާނަ ގެއްލި، ހޮސްޕިޓަލްތަކާއި، ސްކޫލުތަކާއި އެހީދޭ ތަންތަނާއި މީހުން ދިރިއުޅޭ އިމާރާތްތަކާއި، މިސްކިތްތައް ފަދަ މުހިންމު އިމާރާތްތަށް ސުންނާފަތިވެފައިވާކަން ފާހަގަކުރައްވާފައެވެ.

ފަލަސްޠީންގެ ޢައްޒާގެ އާންމުންނާއި ގެތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ އިންސާނީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މި ބަޔާނުގައި ރާއްޖެއިން ވަނީ ތަކުރާރުކުރައްވާފައެވެ. އަދި ޣައްޒާއަށް ދޭ ލާއިންސާނީ ހަމަލާތައް ހުއްޓުވަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ހުރަހެއް ނެތި ފޯރުކޮށްދިނުމާ އެކު ޣައްޒާގައި ހިންގަމުންދާ އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ދިވެހި ސަރުކާރުންވެސް އަންނަނީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން މި ބަޔާނުގައި ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ޤުދުސްއަކީ ޕަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރަންޖެހޭކަމަށް ރާއްޖޭން ގޮވާލާ ގޮވާލުން މި ބަޔާނުގައި ތަކުރާރުކުރައްވާފައިވެއެވެ.

ރާއްޖޭގެ އިތުރުން ވެސް، ޢަރަބި އިސްލާމީ ޤައުމުތަކުން ވަނީ ޣައްޒާ އަލުން އާރާސްތުކުރުމަށް އެކުލަވައިލާފައިވާ ޤަތަރުގެ ކޮމިޓީގެ މައި މަރުކަޒަށް އިސްރާއީލުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އިސްރާއީލުގެ ޔަހޫދީން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 11،000 އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ.