ޚަބަރު

މާދަމާއިން ފެށިގެން ލައިސަންސްގެ ތިއަރީ އިމްތިހާނު ޕޮލިޓެކްނިކްއިންވެސް ހެދޭނެ


  • ކުރިން ހަމައެކަނި ތިއަރީ އިމްތިހާން ހެދެނީ ޓްރާންސްޕޯޓް މިނިސްޓްރީން

  • ސިމްސް ޕޯޓަލްއިން، ތިއަރީ ހަދާ ސެންޓަރެއްގެ ގޮތުގައި ޕޮލިޓެކްނިކް އިޚްތިޔާރު ކުރެވޭނެ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު ޕޮލިޓެކްނިކްގައިވެސް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނާއި ތަމްރީން ހިންގުން މޯލްޑިވްސް ޕޮލިޓެކްނިކްގެ އެހީގައި ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމަކީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާ ދެމެދު މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެކެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުދަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، ޕޮލިޓެކްނިކްއިން ކުރިއަށް ގެންދިއުމަށް ނިންމެވުމުން ގްރޭޓަރ މާލެއިން ޚިދުމަތަށް އެދި ސަވާރީ އިންފްމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) އިން ހުށައަޅާއިރު ތިއަރީ ހަދާ ސެންޓަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ނެއްގެވުމަށް އަންގަވާފައެވެ. މި ބަދަލާއެކު ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިޓެކްނިކްއިންވެސް މިހާރު އިމްތިހާން ހެދޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުން ހުޅުމާލޭގައި ސަރުކާރުން ތަރައްޤީކުރި ޢުމަރު ޒާޙިރު އޮފީސް އިމާރާތަށް ބަދަލުކުރުމާއެކު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނާއި ޕްރެކްޓިކަލް އިމްތިހާނު ހަދަންވެސް ދާން ޖެހެނީ ހުޅުމާލެއަށެވެ.