ދުނިޔެ

ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކުރާނަން


ޕާކިސްތާނުގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ލާހޯރުގެ ޕާކެއްގައި އާދީއްތަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމަށް އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފް ވައުދުވެވަޑައިގެންފިއެވެ.

ނަވާޒް ޝަރީފު ވިދާޅުވީ މި ޙަމަލާގެ ފަހަތުގައިވާ ޓެރަރިސްޓުން އެކަމުގެ އަގު ވަރަށް ވޭންދެނިވި ގޮތެއްގައި ދައްކަންޖެހޭނެ ކަމަށެވެ.

އާދީއްތަދުވަހުގެ ލާހޯރުގެ ޕާކެއްގައި ދިން ޓެރަރިސްޓް ހަމަލާގައި ހަތްދިހައަށްވުރެ ގިނަމީހުން މަރުވެ ދުއިސައްތަ އަށްޑިހައަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާއިރު މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މިޙަމަލާއާ ގުޅިގެން ޕާކިސްތާނުގެ ގައުމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ނަވާޒް ޝަރީފް ވިދާޅުވީ ޓެރަރިސްޓުންނަށް ކުޑަވެސް ދުލެއް ނުދެއްވާނެ ކަމަށާ ޓެރަރިސްޓުން މަރާލި ޕާކިސްތާނުގެ ކޮންމެ ރައްޔިތަކާއި މެދު އަޑުއުފުލާނެކަމަށާއި، އަދި ޕާކިސްތާނުގެ ކުށެއްނެތް އާންމުން މަރާލުން ފަދަ ފިނޑި ޖަރީމާތައް ހިންގައިގެން ޓެރަރިސްޓުންނަށް އެމީހުންގެ މަޤްސަދު ޙާސިލް ނުކުރެވޭނެ ކަމަށްވެސް ނަވާޒް ޝަރީފު ވިދާޅުވިއެވެ.

" އަހަރެންނަށް އެނގިފައިވާ ގޮތުގައި އެމީހުން ފިލައިތިބޭ ތަންތަނާއި ތަމްރީން މަރުކަޒުތަކާއި އެމީހުންގެ އިންފްރާސްޓްރަކްޗަރ ހަލާކޮށްލުމުން ޓެރަރިސްޓުންގެ މި ބައިގަނޑު މާޔޫސްވެ އެމީހުންގެ ނާކާމިޔާބީ ފޮރުވުމަށްޓަކައި ދިމާކުރަމުން މިގެންދަނީ ތައްލީ މުއައްސަސާތަކަށާއި ހިތްހަމަޖައްސާލަން ހަދާފައިވާ ތަންތަނަށާ އަދި އާންމުތަންތަނަށް. " ނަވާޒް ޝަރީފް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14592316294794.jpg|ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާގައި ޒަހަމްވި މީހުންނާއި ބޮޑުވަޒީރު ނަވާޒް ޝަރީފް ބައްދަލުކުރައްވަނީ

ހަށިގަނޑުގައި ބޮމުގެ ބެލްޓްތަކެއް ހަރުކޮށްގެންހުރި މީހަކު އަމިއްލައަށް މަރުވެގެން ލާހޯރުގެ ގުލްޝަން އިގްބާލް ޕާކަށް ދިން ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގައި ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ތާލިބާން ޖަމާއަތަށް ނިސްބަތްވާ ކުޑަ ގްރޫޕެއްކަމަށްވާ ލިބަރަލް ގްރޫޕުންނެވެ. މިއީ ޕާކިސްތާނުގެ ބައިމަދު ނަސާރާއިންނަށް އަމާޒުކޮށްދިން ޙަމަލާއެއް ކަމަށާ އަދި މިއީ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ދިން މެސެޖެއްކަމަށްވެސް ލިބަރަލް ގްރޫޕުން ބުނެފައިވެއެވެ. ގުލްޝަން އިގްބާލް ޕާކަށް ދިން މި ޙަމަލާއަކީ ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރުމަހު ޕިޝާވަރުގެ ސްކޫލެއްގައި ހިންގި ބިރުވެރި ގަތްލުއާންމަށްފަހު އެގައުމުގައި ދިން އެންމެ ބޮޑު ޓެރަރިސްޓް ހަމަލާއެވެ. 

ޕިޝާވަރުގެ ސްކޫލްގައި ހިންގި ގަތްލު އާންމުގައި އެސްކޫލްގެ ދަރިވަރުންގެ ތެރެއިން ސަތޭކަ ތިރީސް ހަތަރުކުދިން މަރާލާފައިވާއިރު އެޙަމަލާގެ ޒިންމާވެސް އުފުލާފައިވަނީ ތާލިބާނުންނަށް ނިސްބަތްވާ ކުޑަ ގްރޫޕަކުންނެވެ. ޕިޝާވަރުގެ ގަތްލުއާންމަށްފަހު ޕާކިސްތާނުގެ ސިފައިންވަނީ ތާލިބާނުންނާއި އެޖަމާއަތަށް ނިސްބަތްވާ ކުދި ގްރޫޕްތަކުގެ އެތަށް ސަތޭކަ ބަޔަކު މަރާލައި އެމީހުން ފިލައިތިބޭ ތަންތަނާއި ތަމްރީން މަރުކަޒުތައްވެސް ހަލާކުކޮށްލާފައެވެ. އަދި ގުލްޝަން އިގްބާލް ޕާކަށް އާދީއްތަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާއަށްފަހުވެސް ޕާކިސްތާނުގެ ސިފައިންވަނީ އެގައުމުގައި ހަރަކާތްތެރިވާ ހައްދުފަނަޅާފައިވާ ފަރާތްތަކާ ދެކޮޅަށް އަސްކަރީ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ.