ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހަޅުއްވައިފި


  • އަންނަ އަހަރަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

  • މަޖިލީހަށް ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ

  • އާމްދަނީގެގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވޭ

މަޖިލީހުގެ ތަޅުމުގައި މެމްބަރުންގެ އަޑުގަދަކުރުންތަކާއެކުވެސް އަންނަ އަހަރަށް ލަފާކުރި 49.5 ބިލިއަން ރުފިޔާގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ފިނޭންސް މިނިސްޓަރ ބަޖެޓް ހުށަހަޅުއްވަމުން ގެންދެވިއިރު މަޖިލީހުގެ ތަޅުމުގައި މައިނޯރިޓީ ޕާޓީގެ މެމްބަރުން ގެންދިޔައީ އަޑުގަދަކޮށް ނިޒާމީ ނުކުތާ ނަގަމުންނެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުވަނީ އާއްމު މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ވާހަކަދައްކަވާފައެވެ.

މިބަޖެޓްގައި މިއަހަރު ރާއްޖޭގެ އިޤްތިސާދު 8.7 އިންސައްތަ އަށް ކުރިއަރާނެކަމަށްވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު 5.5 އިންސައްތައިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ، މެދުރާސްތާގައި އެވްރެޖްކޮށް 6.7 އިންސައްތައިގެ އިތުރުވުމެއްގައި ކުރިއަށްދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. ބަޖެޓުގައި ވަނީ ޓެކުހުގެ ގޮތުގަ ލިބޭ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އަންނަ އަހަރު އިތުރުވާނެކަމަށް ލަަފާކޮށްފައެވެ.

ބަޖެޓުގައި ކަނޑައަޅާފައިވާ 49.5 ބިލިއަން ރުފިޔާގެތެރެއިން ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ. މި ޚަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 2.2 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓް، ޕީއެސްއައިޕީއަށް 8.6 ބިލިއަން ރުފިޔާ ކަނޑައަޅަފައިވެއެވެ. އެއީ ބަޖެޓުގެ %17އެވެ. ބަޖެޓުން 7.4 ބިލިއަން ހޭދަކުރާނީ ދަރަނި ސަރވިސްކުރުމުގެ މަސައްކަތްތަކަށެވެ. މިހާ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ 2026ވަނަ އަހަރަށް، ބޭރު ފައިސާގެ ބޮޑެތި ދަރަނިތަކެއް އަދާކުރަންޖެހޭތީކަމަށް ވަނީ ބުނެފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގެ ފައިނޭންސިންގ ޕްލޭނާއި ގުޅޭ ތަފްސީލްތައް ހިއްސާކުރަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޑެފިސިޓާއި ދަރަނި އަދާކުރުމާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ޓްރާންސްފަރ ހިމަނައިގެން ބަޖެޓު ފައިނޭންސްކުރުމަށް 17.2 ބިލިއަން ރުފިޔާ ހޯދަން ޖެހޭކަމަށެވެ.

"މީގެ ތެރެއިން 12.4 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވަނީ ބޭރުގެ ފަރާތްތަކުން. މީގެ ތެރޭގައި މަޝްރޫޢުތަކަށް މިހާރު ސޮއިކޮށްފައިވާ ލޯނުތަކުން ޚަރަދުވާނެކަމަށް ބެލެވޭ 4.7 ބިލިއަން ރުފިޔާ ހިމެނޭ" އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 14.0 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 6.1 ބިލިއަން ރުފިޔާ، އަދި ސަބްސިޑީ އާއި އެހީ ދިނުމަށް 9.4 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ލޯނުގެ ޚިދުމަތުގެ ޚަރަދަށް 5.2 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބަޖެޓުކޮށްފައިވެއެވެ.

ޤާނޫނު އަސާސީގައި ބަޔާންކުރަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތައް ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެކަމަށެވެ.