ޚަބަރު

ދައުރުގެ ބާކީ ދުވަސްތަކަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް މަސައްކަތްކުރާނަން: އަސްލަމް


  • ޤާނޫނު އަސާސީއާއި ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދިޔުމަށް މަސައްކަތްކުރާނެކަމަށް

  • ދައުފެއްދުންތެރި ގިނަ މަސައްކަތްތަކެއް ކުރުމަކީ އަމާޒެއްކަމަށް

  • ނަޝިދުގެ ޚިދުމަތަށް ޝުކުރު އަދާކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި ބާކީ އޮތް ދުވަސްތަކަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެއްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އަލަށް އިންތިޚާބު ވެވަޑައިގެންނެވި އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެން ރިޔާސަތުގައި އިންނަވާ ދެއްކެވި ވާހަކަފުޅުގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމްވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ބާކީ އޮތް ދުވަސްތަތަކީ އުފެއްދުންތެރި ދުވަސްތަތަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި މަޖިލީހުގެ ހުރިހާ މެމްބަރުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާކަމަށް އަސްލަމްވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ، މަސައްކަތްކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދިވެހި ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތްކުރުމަށްކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް މަޖިލިސް ކުރިއަށްގެންދިޔުމަށްޓަކައި މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އަސްލަމްވަނީ ދެއްވާފައެވެ.

"މަޖިލީހުގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އަޅުގަނޑު މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުކޮށްދެއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަޤާމުގެ ޒިންމާތައް ކުރިއަށްގެންދާނީ ހުރިހާ މެމްބަރުންނާއި ހުރިހާ ޕާޓީތަކެއްގެ އެހީތެރިކަންވެސް ބޭނުންވާ ޙާލުގައި. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާކީ އޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް އަޅުގަނޑުގެ ޤާބިލުކަމާއި ލަޔާޤަތުކަން ތަންދިން އެންމެ މަތީ މިންވަރަށް މަސައްކަތް ކޮށްދޭނަން." އަސްލަމް ވިދާޅުވިއެވެ.


އަސްލަމްވަނީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި މިއަދާއި ޖެހެންދެން ރައީސްކަމުގެ މަޤާމުގައި ހުންނެވި މައްޗަންގޮޅި މެދުދާއިރާގެ މެމްބަރު ރައީސް މުޙައްމަދު ނަޝީދުކޮށްދެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާ، ކޮށްދެއްވި އަގުހުރި ޚިދުމަތައްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަސްލަމް މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމްއާއި ވާދަކުރައްވައިގެންނެވެ. މަޖިލީހުގެ ރައީސްކަމަށް އަސްލަމް އިންތިޚާބުކުރީ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. 77 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާއިން އަސްލަމް އިންތިޚާބު ކާމިޔާމިޔާބުކުރެއްވީ 53 ވޯޓެވެ. އަދި ޢަލީ ޢާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ.