ޤާނޫނު ތަންފީޒުކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރަނީ މިސަރުކާރުންކަމަށާއި، މުޅި ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި މަރަށް މަރުހިފުން ރައީސް އަބްދުﷲ ޔާމީނު ވެރިކަމުގައި ހުންނަވައިފިނަމަ ތަންފީޒުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ރާއްޖޭގެ އަމަން އަމާންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައިސް ޔާމީން ވިދާޅުވީ، މީގެ އަށެއްކަ އަހަރުކުރިން ފެށިގެން ރާއްޖޭގައި މީހުންމެރުމާއި ނުހައްގުން އަނިޔާކުރުން ފަދަކަންކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.
ހުޅަނގުގެ ގައުމުތަކުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން އުޅުމުން އެކަމާއި ކަންބޮޑުވާކަން ފާޅުކުރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމެރިކާގައިވެސް އެފަދަ ބޮޑެތި ކުށްކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެއްވާކަމަށެވެ. މާތްﷲ އަންގަވާފައިވާ ގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރެވިގެން ދިއުމަކީ، އަމަން އަމާންކަން ޤާއިމުކުރެއްވުމަށް ކުރެވިގެންދާނެ މުހިންމެ މަސައްކަތެއްކަމަށާއި، އެކަން ކާމިޔާބުކުރަން މިހާރުގެ ސަރުކާރުން ފެއްޓެވި މަސައްކަތް ހުއްޓާނުލައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް އަރުވާފައެވެ.
ރައިސް ޔާމީން ވިދާޅުވީ، ބޮޑެތި ކުށްކުށުން މުޖުތަމައުއަށް ސަލާމަތް ކުރެއްވުމަށް ރައްޔިތުން ގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ އިޖުތިމާއީ މަސައްކަތް ކާމިޔާބުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ އަމާންކަން މިހާރު މަޑުމަޑުން ގާއިމުކުރެވި، މަގުމަތީގައި ދަންވަރުގަޑީގައިވެސް އުޅުމުގެ މިނިވަންކަން މިހާރު އިޙްސާސްކުރެވެން ފަށާފައިވާކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ރާއްޖެއަށް އަމާން ދުވަސްތަކެއް ގެންނެވުމަށްކަމަށެވެ. އެގޮތުން މިހާރު ރޭގަނޑު ދަންވަރު އަންހެން ކުއްޖަކު މަގުމަތީގައި ހިނގާފަދާއިރު އެކުދިންނާއި ބެހި ގޯނާ ކުރާމީހުން މަގުތަކުން ނުފެންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މީހަކުވެސް ކުށެއްކޮށްފިނަމަ އަދަބުލިބެން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުމުން ތަކުރާރުކުރެއްވިއެވެ.