ޚަބަރު

ޑިމޮކްރެޓިކް ވެށި ސަލާމަތްކުރުމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރާނަން: ރައީސް ނަޝީދު


  • ރައީސް ނަޝީދުވަނީ އިސްތިއުފާދެއްވާ ސިޓީއެއް މަޖިލީހަށް ފޮނުއްވާފައި

  • އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ގެއްލުންވާތަން ބައްލަވަން ނުހުންނަވާނެކަމަށް

  • އިތުބާރު ނެތް މައްސަލައަކީ މަޖިލީސް މެމްބަރުން ބޭނުންފުޅުވެގެން ކުރެއްވިކަމެއްކަމަށް ދެކެވަޑައިނުގަންނަވާ

ރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓަށް ގެއްލުންވަމުންދާކަމުގައިވާނަމަ، އެކަމުން ޤައުމު ސަލާމަތްކުރުމަށް ކުރައްވަންޖެހިވަޑައިގަތް ކޮންމެކަމެއް ކުރައްވާނެކަމުގައި މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ މެންބަރުން ހުށައެޅުއްވި މައްސަލާގައި މަޖިލިސް ކުރިއަށްނުގެންދެވި ގިނަ ދުވަސްތަކަކަށްފަހު، އެމަނިކުފާނު މަޤާމުން އިސްތިއުފާދެއްވީ މިއަދެވެ.

މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް ގެއްލުންވަމުންދާކަމުގައިވަނީނަމަ އެމަންޒަރު ބައްލަވަން ނުހުންނަވާނެކަމަށެވެ. ދިވެހި ޤައުމަށް އެމަނިކުފާނު ކުރެއްވި ޚިދުމަތަކީވެސް އަދި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އެނގިވަޑައިގަންނަވާގޮތަކީވެސް ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިކަން ހިނގައިގެން މިދިޔަ ގޮތުން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއީ ކިހިނެތް ހިނގިކަމެއްކަން. އެއްފަހަރު 50 އެތައް މެމްބަރުންގެ ސޮޔާއެކު މައްސަލައެއް ލައްވުވައިފި. ލެއްވުމަށްފަހު ނަންގަވައިފި. ނަންގަވާފައި ހަމަ އެޢިބާރާތްތައް އަނެއްކާ ލައްވުވައިފި އޭގެ ހަފްތާއެއްފަހުން. އެދޭތެރޭގައި މަޖިލީހުގައި ޙަގީގަތުގައި މާގިނަ ކަންތައްތަކެއް ހިނގީއެއްވެސް ނޫން. އެހެންވީމަ އެބައިނގޭ މިކަންކަން ހިނގާފައި މިދިޔައީ ކޮންމެހެންނެއް މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން އެމަގުން އެކަން ކުރައްވަން ބޭނުންފުޅުވެގެން ނޫންކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން އިސްތިއުފާދެއްވުމާއި އަމިއްލަފުޅު ޕާޓީ އެމްޑީޕީން ވަކިވެވަޑައިގެންނެވުމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމާއި ގުޅިގެން ނޫސްވެރިން ގިނަ ސުވާލުތަކެއް އެމަނިކުފާނަށް އަމާޒުކުރެއްވިއެވެ. އެއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ އިސްތިއުފާގެ ސިޓީފުޅުތަކެއްގައިވެސް ޢިބާރާތްތައް އެއްގޮތްވާނެކަމަށެވެ. އެކަމަށް އިޝަރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގައި އަބަދުވެސް ބެއްލެވީ ޤައުމާއި ޚިދުމަތްކުރައްވަމުން ގެންދެވި ތަނެއްގެ މަސްލަޙަތަށްކަމަށެވެ.

"އަބަދުވެސް ބަލަންވާނީ އިސްޓިޓިއުޝަނަށް ގެއްލުމެއްވާނެތޯ، ނުވަތަ ނޫންތޯ. މިއިންސްޓިޓިއުޝަންގެ ބާރުކެނޑޭ އެތައް ކަމެއްވަމުންދާންފެށީމާ ދެން އަޅުގަނޑު ދެކެނީ މިމުއައްސަސާއަށް، މިމަޖިލީހަށް ގެއްލުންވާފަދަ ކަންތައްތަކެއްވުމަށް އަޅުގަނޑު ޖާގަ ދީގެން ހުރުމަކީ ރަނގަޅުކަމަކަށްނުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފާއިތުވި އެތައް ދުވަހެއްގައި ހުއްޓުމަކަށް ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައިގައި ކުރިން އިސްތިއުފާ ނުދެއްވީ ކީއްވެތޯއާއި މަޖިލީސް ހުއްޓުމަކަށް އައިސްފައި އޮތް އޮތުމުގެ ޒިންމާ ނަންގަވަންތޯ ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތާރީޚުގައިވެސް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވީ އެމަނިކުފާނު ރިޔާސަތު ބެލެހެއްޓެވި ދައުރުގައިކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައަށް ޗެލެންޖްކުރުމަކީ މައްސަލައެއްކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.