ކުޅިވަރު

ވީއޭއެމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކުލަބުތަކުން އެދިއްޖެ


އައު އަސާސީ ގަވާއިދާ އެއްގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބު ބޭއްވިފައި ނުވާތީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް ކުލަބުތަކުން އެދިއްޖެއެވެ.

މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ވީއޭއެމުގެ އަހަރީ ކޮންގްރެސްގައި ވަނީ އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އައު އިންތިޚާބެއް ބޭއްވުމަށް ފާސްކޮށްފައެވެ. 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ސްޕޯޓްސް ކޮމިޝަނަރު ވަނީ އަސާސީ ގަވާއިދު 90 ދުވަސްތެރޭގައި އިސްލާހު ކުރަށް ވީއޭއެމަށް އަންގާފަވެ. އެކަމަކު އެ މުއްދަތުގައިވެސް އެކަން ކޮށްފައެއް ނުވެއެވެ.

ނަމަވެސް ތިން އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން އައު އަސާސީ ގާވާއިދު ފާސްކުރިއިރު، މިދިޔަ ތިން އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ބަޖެޓުވެސް ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި ފާސްކޮށްފައެވެ.

ވޮލީގެ އަހަރީ ކޮންގްރެސް ބޭއްވިއިރު، އެ އެސޯސިއޭޝަނުން މިދިޔަ އަހަރުތަކުގައި ގަވާއިދާ އެއްގޮތަށް އަހަރީ ކޮންގްރެސް ބާއްވާފައެއް ނުވެއެވެ. އެއާއެކު ލިޔެކިޔުން ހަމަނުވެގެން އުވާލާން އިޢުލާންކުރި ޖަމުޢިއްޔާތަކުގެ ތެރޭގައިވެސް ވީއޭއެމް ހިމެނުނެވެ.

ބޮޑު މެދުކެނޑުމަކަށްފަހު ވީއޭއެމުގެ އަހަރީ ކޮންގްރެސް ބޭއްވިއިރު، އަސާސީ ގަވާއިދަށް ގެނައި އިސްލާހުތަކާއެކު ކޮންގްރެސް ބާއްވާތާ 10 ދުވަހުގެ ތެރޭގައި ވީއޭއެމުގެ އައު އިންތިޚާބެއް ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ. އެހެންކަމުން ވީއޭއެމުގެ އައު އިންތިޚާބެއް ލަސްވެގެން މިއަދު ބާއްވަން ޖެހޭނެއެވެ. ނަމަވެސް މިހާތަނަށްވެސް ވީއޭއެމުގެ އިންތިޚާބުގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ.

އެއާއެކު ވޮލީގެ ބައެއް ކުލަބުތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަންގެ ނައިބު ރައީސް އަދި ކޯޗު މުޙައްމަދު ޝަރަފު ވިދާޅުވީ އެ އަސާސީ ގަވާއީދުގެ 56 ވަނަ މާއްދާއަށް ރިއާޔްތް ކުރުމަށްފަހު، މިހާރު އޮންނަން ޖެހޭނީ އެ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވާފައި ކަމަށެވެ. އެކަމަކު އެ އިންތިޚާބާ ބެހޭ އެއްވެސް ވާހަކައެއް އަދިވެސް ދެއްކިފައިނުވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ވީއޭއެމުގެ ކުރީގެ ރައީސް އަދި ކުލަބު ވޮލީބޯލްގެ ރައީސް މުޙައްމަދު ލަތީފު ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އިންތިޚާބު ނުބާއްވައިގެން އެސޯސިއޭޝަންގެ މެންބަރު 18 ކުލަބުގެ ތެރެއިން 11 ކުލަބަކުން ސޮއިކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދިފައިވާވާނެ ކަމަށެވެ.

އޭޝިއާ ސެންޓްރަލް ޒޯން ވޮލިބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސްކަންވެސް ކުރައްވާ ލަތީފު ވިދާޅުވީ ވަކި އަދަދަކަށް ކުލަބުތައް ސޮއިކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދުމުން ވީއޭއެމުން ކޮންގްރެސްއެއް ބާއްވަން ޖެހޭނެ ކަމަށެވެ.

ވީއޭއެމުން އައު އިންތިޚާބެއް ބާއްވަން ފާސްކޮށްފައިވާއިރު، އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް މުޙައްމަދު ރަނޭޝް އިންތިޚާބުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.