ޚަބަރު

5މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް ދެން ބަލައިގަންނާނީ ބީލަން ޕޯޓަލްއިން


  • މިއަދުން ފެށިގެން 5މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް ބަލައިގަންނާނީ ބީލަން ޕޯޓަލްއިން

  • މިގޮތަށް ހަމަޖެއްސީ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބީލަން ބަލައިގަނެވޭނެ ގޮތް ހެދުމަށް

ދައުލަތުން ކުރިއަށް ގެންދާ 5 މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް މިއަދުން ފެށިގެން ބަލައިގަންނާނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިގޮތަށް ހަމަޖައްސަވާފައިވަނީ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބީލަން ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ބީލަން ޕޯޓަލް ތަޢާރަފްކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. މިނިސްޓްރީން ވިދާޅުވީ މިހާރު މިޕޯޓަލް އިތުރަށް ތަރައްޤީކޮށް ދައުލަތުން ކުރިއަށް ގެންދާ 5 މިލިއަން ރުފިޔާއަށްވުރެ މަތީގެ ހުރިހާ ޕްރޮކިއުމަންޓްތަކެއް މިޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭގޮތަށް ފަރުމާ ކުރައްވާފައިވާ ކަމަށެވެ.

އެހެކަމުން މިއަދުން ފެށިގެން ދައުލަތުގެ އާއްމު ބަޖެޓުން އިޢުލާންކުރާ 5 މިލިއަން ރުފިޔާއަށްވުރެ މަތީގެ ހުރިހާ ޕްރޮކިއުމަންޓްތަކުގެ ބީލަންތައް ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީންވަނީ އަންގަވާފައެވެ.