ޚަބަރު

މިއަދަކީ ޓެލެވިޜަން މޯލްޑިވްސްގެ 38 ވަނަ އަހަރީ ދުވަސް


މިއަދަކީ ޓެލެވިޜަން މޯލްޑިވްސްގެ 38 ވަނަ އަހަރީ ދުވަހެވެ. 

ޓީވީ މޯލްޑިވްސްގެ ޚިދުމަތް ފެށިގެން 1990 ގެ އަހަރުތަކާ ހަމައަށް އައިއިރުވެސް ޢާންމުކޮށް މި ޚިދުމަތް ލިބެމުން އައީ ހަމައެކަނި މާލެއާއި މާލެ ކައިރި ރަށްރަށަށެވެ. ނަމަވެސް ފަހުން ސެޓެލައިޓް މެދުވެރިކޮށް އަޕްލިންކްކުރުމުން ރާއްޖޭގެ ދުރު ސަރަޙައްދުތަކަށާއި ރާއްޖެއިން ބޭރުގެ ސަރަޙައްދުތަކަށް ޓީވީ މޯލްޑިވްސްގެ ޚިދުމަތް ލިބެން ފެށިއެވެ. އަދި ފަހުން ޓެރަސްޓެރިއަލްގެ ޚިދުމަތް ވަރުގަދަކުރެވި، ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް މިޚިދުމަތް ދެވެން ފެށުނެވެ. 2006 ވަނަ އަހަރުގެ ނިމުމަކާ ހަމައަށް އައިއިރު ރާއްޖޭގައި ޓެރަސްޓެރިއަލްކޮށް، ޓީވީ މޯލްޑިވްސްގެ ޚިދުމަތް ނުލިބޭ ސަރަޙައްދު ވަރަށް ކުޑައެވެ. ޢާންމުކޮށް ރާއްޖޭގެ 80 އަށްވުރެ ބޮޑު ސަރަޙައްދަކަށް މިހާރު ޓެރަސްޓެރިއަލްކޮށް ނުވަތަ އެންޓަނާ މެދުވެރިކޮށް ޤައުމީ ޓީވީގެ ޚިދުމަތް ލިބިދެވެއެވެ. ޤައުމީ ޓީވީ ރާއްޖެއިން ބޭރަށް ފުރަތަމަ ޓްރާންސްމިޓް ކުރެވުނީ 1990 ގައި ރާއްޖޭގައި ބޭއްވި 5 ވަނަ ސާރކް ސަމިޓްގެ ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު، ސާރކް ޤައުމުތަކަށް ދެއްކުމަށްޓަކައެވެ.

1978 ގައި ޓީވީ މޯލްޑިވްސްގެ ޚިދުމަތް ދެވން ފެށިއިރު، ފުރަތަމަ ޓެލެކާސްޓް ކުރެވުނީ (ޓީވީގެ ޓްރާންސްމިޝަން ހުންނަނީ) ރޭގަނޑު 7:00 ން 8:45 އަށެވެ. ޤައުމީ ޓީވީއަކީ ރާއްޖޭގެ ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމާއި ޢާންމު ހޭލުންތެރިކުރުވައި، މުނިފޫހިފިލުވައިދިނުމަށް 2008 ވަނައަހަރާ ހަމައަށް ރާއްޖޭގައި ހިނގަމުން އައި ހަމައެކަނި ޓީވީ ސްޓޭޝަނެވެ. އޭގެ ފަހުން އިތުރު ޓީވީ ސްޓޭޝަންތައް އުފެދިފައިވީނަމަވެސް ޤައުމީ ޓިވީ، އޭގެ ދައުރު އަދާކުރުމުން މަތީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކުރިޔަށް ގެންދެވެއެވެ.

ޓީވީ މޯލްޑިވްސް މިހާރު ހިންގަމުން ގެންދަނީ ރައްޔިތުންނަށް ޕަބްލިކް ސަރވިސް މީޑިއާގެ ޚިދުމަތްދެއްވުމަށް ރައްޔިތުން މަޖިލީހުން އެކަށައަޅުއްވާފައިވާ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ ދަށުން، ހިންގާ ޕަބްލިކް ސަރވިސް ޓީވީ ޗެނަލްގެ ގޮތުގައެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކުގެ ތެރެއިން ޓީވީގެ ޚިދުމަތް ފުޅާކުރުމަށް އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގައި ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ގެނެސްދޭންޖެހޭ ކަންކަން އިތުރުވުމާއި އަދި މުޖުތަމަޢުގެ އެކިފަރާތްތަކުންނާއި މުއައްސަސާތަކުން ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދޭން އެދޭ ކަންކަން އިތުރުވަމުން އަންނާތީ އެކަމަށްޓަކައި އިތުރު ޓީވީ ޗެނަލްތައް ޤާއިމްކުރުމަކީ ޕީއެސްއެމްގެ މި ވަގުތުގެ އެންމެ މުހިންމު އެއް އަމާޒެވެ. މިކަމަށް ކުރައްވާ މަސައްކަތުގެ ދަށުން، 17 ސެޕްޓެމްބަރ 2015 ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ބައްދަލުވުންތަކާއި މަޖިލީހުގެ އެހެން މުހިންމު މަސައްކަތްތަކަށް ޚާއްޞަ ޓީވީ ޗެނަލެއް ފަށާފައެވެ. އިތުރު ޗެނަލް އުފެއްދުމުގެ މަސައްކަތުގެ ދަށުން ކުޅިވަރާއި ޒުވާނުންނާއި މުނިފޫހިފިލުވުމަށް ޚާއްޞަ ޗެނަލެއް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެ ޗެނަލް ފެށުމާއެކު ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ނިވްސް ޗެނަލެކެވެ. މިކަންކަމުގެ ތައްޔާރީތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އިތުރަށް ފެށުމަށް ހަމަޖެހިފައިވާ ޓީވީ ޗެނަލްތަކުގެ ތެރޭގައި ދުނިޔޭގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ޚާއްޞަ އިންޓަރނޭޝަނަލް ޗެނަލަކާއި އެޑިޔުކޭޝަނަލް ޗެނަލެއް އުފެއްދުމުގެ ތައްޔާރުތައްވެސް ކުރިޔަށް އެބަގެންދެވެއެވެ.

ޓީވީ މޯލްޑިވްސްއަށް 38 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، އެންމެ ބޮޑަށް ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، ޓީވީއެމްގެ ޚަބަރާއި ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތެވެ. ރާއްޖެއާއި ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގާ ކަންކަން ވަގުތުން ވަގުތަށް ގެނެސްދިނުމަށް ބޭނުންވާ ޓެކްނޮލޮޖީ އިތުރުކޮށް ޒަމާނީ ކުރުމަށާއި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށާއި މެނޭޖްކުރުމުގެ ނިޒާމްތައް ހަރުދަނާކުރުމުގެ މަސައްކަތެެވެ. ރާއްޖޭގެ މީޑިއާގައި އައު ޞަފުޙާއެއް ޓީވީއެމްގެ 38 ވަނަ އަހަރުގެ ތެރޭގައި ވަނީ ފެށިފައެެވެ. އެއީ އިންޓަރނޭޝަނަލް ފްރެންޗައިޒް އުޞޫލުން މޯލްޑިވިއަން އައިޑޮލް ފެށުމެވެ. ކާމިޔާބު ޙަރަކާތެއްގެ ގޮތުގައި މި ޝޯވް ކުރިޔަށްދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރަށް ޓީވީން ގެނެސްދޭން އެންމެ ރަނގަޅުވާނެ ގޮތަށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ ރެކޯޑްކުރުމުގެ މަސައްކަތަކީ މިހާރު އިސްކަންދެވިފައިވާ ކަމެކެވެ.

ޓީވީއެމްގެ ތަޖުރިބާއަށް ބަލާއިރު މުވައްޒަފުން ހޯދަމުން އަންނަ އެންމެ ބޮޑު ކާމިޔާބީއަކީ، ކުރަންޖެހޭ ކޮންމެ މަސައްކަތެއްވެސް އެކަމަށް ހޭދަކުރަންޖެހޭ ގިނަ ވަގުތަކަށް އަދި އުފުލަންޖެހޭ ބުރައަކަށް ބެލުމެއް ނެތި އަދި ލިބިފައިވާ ޓެކްނިކަލް މަދުވަޞީލަތާއެކުވެސް ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ހޯދާފައިވާ ކާމިޔާބީތަކެވެ.

ޓީވީއެމްއަށް 38 އަހަރު ފުރުން ފާހަގަކުރުމަށް މުވައްޒަފުންގެ ފެންވަރުގައި ޕީއެސްއެމްގައި އަންނަނީ ޙަރަކާތްތަކެއް ހިންގަމުންނެވެ. ޓީވީއެމްގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އުފަލަށްޓަކައި މި މުނާސަބަތަށް ޚާއްޞަ ޕްރޮގްރާމްތަކެއް އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދެމުން ގެންދާނެއެވެ.