ބީއެމްއެލް ޤައުމީ 47 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއަރ ބައިން ފިރިހެން އެންމެ މޮޅު ފެތުންތެރިންގެ މަޤާމު ޝައިމް ޙުސައިން އިބްރާހީމް، އަންހެން އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު އަމްނާ ތަޒްކިޔާ މިރުޝާދު އަދި ސީނިއަރ ބައިން އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަޤާމު ޢާއިޝަތު ސައުސަން ފިރިހެން އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު މުޙައްމަދު ރިހާން ޝިހާމް ހޯދައިފިއެވެ.
މީގެއިތުރުން މާސްޓާރސްބައިގެ އެންމެ މޮޅު ފިރިހެން ފެތުންރިޔާގެ މަޤާމު ޙުސައިން މުބާޙް ވަނީ ހޯދާފައެވެ. މުބާރާތުގެ އަންހެން ޗެމްޕިއަންކަން ނިއުލެގޫން ސްވިމިންގ ކުލަބު އަދި ފިރިހެން ޗެމްޕިއަންކަން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން ނުވަތަ އެމް.އެލް.އެ ވަނީ ހޯދާފައެވެ.
ހުޅުމާލޭ ސްވިމިންގ ޕޫލުގައި މިމަހުގެ 2 ވަނަ ދުވަހުންފެށިގެން މިމަހުގެ 8 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށްދިޔަ ފެތުމުގެ ޤައުމީ 47 ވަނަ މުބާރާތުގައި ޓީމުތަކުން ފެތުންތެރިން ވާދަކުރާ ބައިތަކާއި، ޢާއްމުކޮށް ހުޅުވާލައިގެން ފެތުންތެރިން ވާދަކުރާ ގޮތަށް ކުރިއަށްގެންދިޔަ މިއަހަރުގެ ޤައުމީ ފެތުމުގެ މުބާރާތުގައި 181 ފެތުންތެރިން ވާދަކޮށްފައިވެއެވެ.
މީގެއިތުރުން ފިރިހެން 10 ޓީމު އަދި އަންހެން 7 ޓީމު މުބާރާތުގައި ވާދަކޮށްފައިވެއެވެ. މިގެތެރޭގައި މާލެއާއި އަތޮޅުތަކުން ބައިވެރިވި ޓީމުތައް ހިމެނެއެވެ. ފެތުމުގެ ޤައުމީ 47 ވަނަ މުބާރާތުގައި ޖޫނިއާ ބަޔާއި ސީނިއާ ބަޔާއި، މާސްޓާސް ބައިގެ އިތުރުން ޓީމުތަކުގެބައި ހިމެނޭހެން ޖުމުލަ 151 އިވެންޓް ކުރިއަށްގެންދިޔަ އެވެ.
މިއަހަރު ފެތުމުގެ ޤައުމީ މުބާރާތް ބޭއްވީ ރާއްޖޭގައި ފުރަތަމަ ފަރަހަށް ބޭނުންކުރަންފެށި އޮޓަމޭޓް ޓައިމް ސިސްޓަމް ބޭނުންކޮށް ފެތުންތެރިންގެ ޓައިމިންގތައް ނެގޭގޮތަށް ބޭނުންކުރެވޭ ސިސްޓަމް ބޭނުންކޮށް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ޕުޝްޕެޑް ހަރުކޮށްގެންނެވެ.