ރާއްޖޭގެ ރިސޯޓުތަކުގެ ޗެމްޕިއަނުންގެ މެދުގައި ބޭއްވި ފުރަތަމަ ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް ހޯދީ ފައިނަލުގައި ކްރޮސްރޯޑްސް މޯލްޑިވްސްއާއި ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
ކްރޮސްރޯޑްސްގައި ކުޅުނު މި މެޗުގައި ފުރަތަަމަ ލަނޑުޖަހާ ލީޑު ނެގީ ޖޯލި މޯލްޑިވްސް އިންނެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ރިފްއަތެވެ. މިއީ ކޯނަރެއްގައި ލިބުނު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
މި ލަނޑަށްފަހު ކްރޮސްރޯޑްސް އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ ދެވަނަ ހާފުގެ 35 ވަނަ މިނެޓުގައެވެ. އެ ޓީމު އެއްވަރުކުރި ލަނޑު ކާމިޔާބުކޮށްދިނީ ނޫހް އިބްރާހީމެވެ. މިއީ ހާފުގެ މެދެއްހާ ހިސާބުހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. ޖޯލި މޯލްޑިވްސް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޫސާ ޝުމޫޚް އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ އިބްރާހިމް ރިފްއަތެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޖޯލި މޯލްޑިވްސްގެ ނަޒީހް އިސްމާއިލް، އިބްރާހިމް ރިފްއަތު، އިބްރާހިމް ނަދީމް އަދި ކްރޮސްރޯޑްސްގެ ނޫހް އިބްރާހީމާއި ހަސަން ލައުހް އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރޮސްރޯޑްސްގެ އިސްމާއިލް ވަހީދެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންނަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ އިބްރާހިމް ރިފްއަތާއި ކްރޮސްރޯޑްސްގެ އިސްމާއީލް ވަހީދެވެ. މި ދެކުޅުންތެރިންގެ ތެރެއިިން ކޮންމެ ކުޅުންތެރިއެއް ވެސް ވަނީ މި މުބާރާތުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޖޯލި މޯލްޑިވްސްގެ ކޯޗު އަބްދުﷲ ހަނީފް )ބެންޖޯ( އެވެ.
.
ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާ ސުޕަ ލީގު ކުރިއަށްދިޔައީ ރިސޯޓް ލީގުގެ 6 ޒޯނުގެ ޗެމްޕިއަނުންގެ މެދުގައެވެ. މުބާރާތުގެ ކުއާޓާފައިނަލް ތިން މެޗު ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.