ޚަބަރު

ނަޝީދު ވަކިކުރެއްވުމުގެ ޤަރާރު ހުށައެޅީ ގޯސްކޮށްކަމަށް ބުނެ ބޭރުކޮށްލައިފި


  • ޑިމޮކްރެޓްސްއިން ނިންމީ ނަޝީދުގެ ޤަރާރު ހުށައެޅީ ޤަވާއިދާ ޚިލާފަށްކަމަށް

  • ޤަރާރުގައި ދީބާޖާ ހިމަނާފައި ނުވާކަމަށް ޑިމޮކްރެޓްސްއިން ބުނި

  • ނަމަވެސް އެ ޤަރާރު ކުރިއަށް ގެންދެވޭނެކަމަށް އަމީން ޢާންމު ލަފާދެއްވި

  • ދެވަނަ ޖަލްސާއަށްވެސް އެޖެންޑާކުރި، ނަމަވެސް ކުރިއަށް ނުގެންދަން ނިންމި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރެއްވުމަށް ހުށައަޅާފައިވާ ޤަރާރު މިއަދު ހެނދުނު ބޭއްވި ޖަލްސާއިން ބޭރުކޮށްލާފައިވާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެކަމަށް މިއަދު ބޭއްވި ދެވަނަ ޖަލްސާއިން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ، މަޖިލީހުގެ ނައިބު ރައީސް ނެތަސް ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމުން އެމައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރިއެވެ. އަދި މިއަދު ހެނދުނުގެ ޖަލްސާއަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ހުންނެވީ ސަލާމުގައެވެ. އެހެންކަމުން ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ.

މިއަދުގެ ފުރަތަމަ ޖަލްސާ 09:00ގައި ފަށައި، އެ މައްސަލަ ކުރިއަށް ގެންދިއުމަށް މަސައްކަތްކުރިނަމަވެސް، ރައީސް ނަޝީދު ވަކިކުރެއްވުމުގެ ޤަރާރު ހުށައަޅާފައިވަނީ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށްކަމަށް ދަ ޑިމޮކްރެޓްސް އިން ބުންޏެވެ. އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވަނީ ނިޒާމީ މައްސަލަ ނަންގަވައި، އެ ޤަރާރުގައި ދީބާޖާ ހިމަނާފައި ނުވާތީ އެ މައްސަލަ ޤަވާއިދާ ޚިލާފްކަމަށް ވިދާޅުވެފައެވެ.

އެކަމުގައި ހޫނު ބަހުސަކަށްފަހު ނިޒާމީ މައްސަލަ ބަލައިގަނެ، ރިޔާސަތުގައި އިންނެވި އަފީފް ޖަލްސާ ނިންމަވާލެއްވިއެވެ.

އެއަށްފަހު 11:30އަށްވެސް އިތުރު ޖަލްސާއެއް އެޖެންޑާކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲއެވެ. އެޖަލްސާ ފެށްޓެވުމަށްފަހު މާގިނަ އިރުތަކެއްނުވެ، އެއީ ހެނދުނުގެ ޖަލްސާގައި ބޭރުކޮށްފައިވާ ގަރާރެއް ކަމަށް ބުނެ އެޖަލްސާ އީވާ ނިންމަވާލެއްވިއެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން މިއީ މިއަދު ދެން އިތުރަށް ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް. މި ގަރާރަކީ މަޖިލީހުގެ ރިޔާސަތުން ނިޒާމީ މައްސަލައެއްގައި ގޮތެއް ނިންމައި ބޭރުކޮށްފައިވާ ގަރާރެއް." އީވާ ޢަބްދުﷲ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމުގެ ޤަރާރު ހުށައަޅާފައިވަނީ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށްކަމަށް އެމްޑީޕީން ބުންޏެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެ ގަރާރު ބޭރުކޮށްލީ އެކަން އެގޮތަށް ނުކުރެވޭނެކަމަށް މަޖިލީހުގެ އަމީން ޢާންމު ލަފާދެއްވާއިވަނިކޮށްކަމަށް އެމްޑީޕީގެ ޕީޖީ މެންބަރުން ވިދާޅުވިއެވެ.