ކުޅިވަރު

މިދިޔަ ދެ އަހަރަށްވުރެ މިއަހަރު އޮލިމްޕިކް ކޮމިޓީގެ ބަޖެޓް ކުޑަ


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން 9.7 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. 

މިއީ މިދިޔަ އަހަރަށް ވުރެ 3.6 މިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ނިންމާލުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤް ވިދާޅުވީ މިދިޔަ ދެ އަހަރަށް ވުރެ މިއަހަރުގެ ބަޖެޓް ކުޑަވެގެންދިޔައީ މިއަހަރު ބައިވެރިވާ ގޭމްސްތަކާއި، ކުޅިވަރު މުބާރާތްތައް މަދުވުމުގެ ސަބަބުންކަމަށެވެ. އަދި މިދިޔަ އަހަރު އޮލިމްޕިކް ކޮމިޓީ ހައުސް އެޅުމަށްވެސް ބޮޑު ބަޖެޓެއް ފާސްކޮށްފައިވުމުގެ ސަބަބުން މިދިޔަ ދެ އަހަރު ބަޖެޓް ބޮޑުވީކަމަށް މަރުޒޫގް ވިދާޅުވިއެވެ. މިއަހަރު ބައިވެރިވާނީ އެންމެ ދެ ގޭމްސްގައިކަމަށާއި، އެދެ ގޭމްސްގައިވެސް ރާއްޖެއިން ބައިވެރިވާނީ ހަތަރު އެތްލީޓުންކަމަށް މަރުޒޫޤް ވިދާޅުވިއެވެ. މަރުޒޫގް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި އޮލިމްޕިކް ހައުސް އެޅުމަށް ފައިސާ ހިމަނާފައިނުވަނީ އޮލިމްޕިކް ހައުސް އެޅުމަށް އަދިވެސް އޮލިމްޕިކް ކޮމިޓީން ހިތްހަމަޖެހޭ ވަރުގެ ބިމެއް ނުލިބިގެންކަމަށެވެ. އަދި ސަރުކާރުން ދެއްކި ތިން ބިކަމީވެސް ކޮމެޓީން އެހާ ހިތްހަމެޖެހޭ ބިންތަކެއް ނޫންކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.

"ސަރުކާރުން ހާއްސަ ރިކުއެސްޓެއްއައީ އެބިން އެހެންކަމަކަށް ބޭނުން ކުރަންވެގެން. އަދި އެބިމުގެ ބަދަލުގައި އެހެން ބިމެއް ދިނުމަށް. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް 3 އޮޕްޝަނެއް ސަރުކާރުން ދިން. ނަމަވެސް އަޅުގަނޑުމެން ބޭނުންވާ ކަހަލަ ބިމެއް ނުލިބޭތީ މަޑުކޮށްލައިގެން ތިބީ. އެއް ބިމަކީ ކުރީގެ ބިމަށް ވުރެ ކުޑަ ބިމެއް. ދެން ދެއްކި ބިމަކީ ތަންކޮށްޅެއް ބޮޑަށް މީހުންގެ ތެރޭގައި ހަނިގޯޅި ގަނޑެއްގައި އޮތް ބިމެއް. އަޅުގަނޑުމެން މިހާރުވެސް ސަރުކާރާއެކު ވާހަކަދައްކަމުން މިދަނީ 2700 އަކަފޫޓްގެ ބިމެއް އަޅުގަނޑުމެންނަށް ލިބޭތޯ" މަރުޒޫޤް ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި އޮލިމްޕިކް ކޮމިޓީން 9.7 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 10.6 މިލިއަން ރުފިޔާއެވެ. މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ ތެރޭގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއާއި، އޮލިމްޕިކް ސޮލިޑާރިޓީން ދޭ 5 މިލިއަން ރުފިޔާއާއި، ސަރުކާރުން ދޭ 4 ލައްކަ ރުފިޔާ ހިމެނެއެވެ. ބަޖެޓްގައި ޕްރޮގްރާމްތަކަށް 7.4 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިދާރީ ކަންކަމަކަށް 2.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ސްކޮލަޝިޕް، ތަމްރީންތަކަށް 2.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ގޭމްސްތަކުގައި ބައިވެރިވުމަށް ހިމަނާފައިވަނީ 1.4 މިލިއަން ރުފިޔާއެވެ.