ޚަބަރު

ކެބިނެޓުގައި 22 ވަޒީރުން، މުޅިންވެސް ތިއްބަވާނީ ނަތީޖާ ނެރެދެއްވާނެ ބޭފުޅުން: ޑރ. މުޢިއްޒު


  • ކެބިނެޓަށް ގެންނަވަނީ ވިދާޅުވުމުން އިތުރު މީހެއްކައިރީ އެޕްރޫވަލް ހޯދަން ނުޖެހޭ މީހުންނަށް

  • ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށް ރެއާއި ދުވާލު މަސައްކަތް ކުރައްވާނެ ބޭފުޅުން

  • ޚަރަދު ބޮޑުނުވާނެކަމާއި ނަތީޖާ ނެރެދެއްވާނެކަމަށް

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު އެކުލަވާލައްވާ ކެބިނެޓުގައި 22 މިނިސްތަރުން ތިއްބަވާނެކަމަށާއި، ކެބިނެޓުގައި ތިއްބަވާނީ ނަތީޖާ ނެރެދެއްވާނެ ބޭފުޅުންކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕިއެސްއެމުން ގެނެސްދޭ ދިވެހީންގެރާއްޖެ ޚާއްޞަ ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން ގެނެސްދިން ޚާއްޞަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލެއްވުމުގައި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރެވޭނެ ބޭފުޅުންނަށް އިސްކަން ދެއްވާފައިވާނެކަމަށެވެ. އަދި ކެބިނެޓުގައި ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ނިންމަވާ ނިންމެވުންތަކަށް އިޙްތިރާމްކުރައްވާ، އެމަނިކުފާނަށް ފަހުބަސް އިއްވުމުން އެކަމުގައި އިތުރު މީހެއްގެ ބަހެއް ހޯދަންނުޖެހޭ މީހުންކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ ކެބިނެޓަށް ނަންގަވާނެ ބޭފުޅުންނާއި ގުޅޭގޮތުން ކެމްޕޭންގެ ތެރޭގައި ދެއްކެވު ހުރިހާ ވާހަކަތަކަށް ރިޢާޔަތްކުރެއްވިކަމަށެވެ. އެގޮތުން ހުރިހާ އެންމެން ޝާމިލުވާ އަދި ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވަޢުދުތައް ފުއްދުމަށް ރެއާއި ދުވާލު މަސައްކަތް ކުރެއްވުމުގެ ހިތްވަރު ހުރި ކެބިނެޓަކަށް އެމަނިކުފާނުގެ ޓީމުވާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އިސްކަންދެއްވީ އެމަނިކުފާނު ބޭނުންވާ ނަތީޖާ ނެރެދެއްވާނެ ޓީމެއް އެކުލަވާލެއްވުމަށްކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓަކީ ޤައުމުގެ ހަމަޖެހުން ޤާއިމުކޮށް ވަޢުދުތައް ފުއްދުމަށްޓަކައި ބޭނުންވާނެ ތަޢުލީމީ އަދި ޤާބިލް ކެބިނެޓެއްކަމަށެވެ.

"ކެބިނެޓާ ކުންފުނިތައް އެއްކޮށްލާއިރު މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ޓޮޕް މެނޭޖްމަންޓްހެން އަޅުގަނޑަށް ގަބޫލުކުރެވެނީ އަންނާނީ. އެއީ ޔަގީންކަމެއް. ވީ ވަރަކުން ބަލަފަ އޮންނާނީ އެ ދާއިރާއަކާ ގުޅޭ ބޭފުޅަކު، އެ ދާއިރާއަކުން ކިޔަވައި ވިދާޅުވެގެން ހުންނެވި ނުވަތަ އެ ދާއިރާއެއްގެ ތަޖުރިބާ ވީހާވެސް ރަނގަޅަށް ލިބިފައިވާ މީހަކު ނެގޭތޯ." އިންތިޚާބީ ރައީސް ވިދާޅުވިއެވެ.


އިންތިޚާބީ ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ނަތީޖާ ނެރުމުގައި ފެއިލްވާނަމަ އެކަންވެސް ބައްލަވާނެކަމަށެވެ. އަދި އާންމުންގެ ޚިޔާލައި ފާޑުކިޔުމަށްވެސް ޖާގަ ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓްރީތައް އިތުރުކުރެއްވި ސަބަބަށް އަލިއަޅުއްވާލައްވަމުން އިންތިޚާބީ ރައީސް ވިދާޅުވީ އެގޮތަށް ނިންމެވީ އެއް މިނިސްޓްރީއެއްގެ މެންޑޭޓުގެ ދަށުން މާގިނަ ކަންކަން ކުރަން އުޅެގެން ނަތީޖާ ނުނެރެވޭކަން ތަޖުރިބާ ކުރެވިފައިވާތީކަމަށެވެ. ކެބިނެޓަށް ދެތިން މިނިސްޓްރީއެއް އިތުރިވިނަމަވެސް ހިންގުމުގެ ޚަރަދު ބޮޑު ނުވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑުމެން މިހާރު މިނިސްޓްރީތައް ވަކިކޮށްފައި އޮތީމަ، މިނިސްޓްރީތަކުގެ އަދަދު އިތުރު ވާނެ. އެއީ ފޯކަސްޑް މަސައްކަތްތަކެއް ކުރަން ވެގެން. ނަތީޖާ ނެރޭ ސީރިއަސް މަސައްކަތްތަކެއް ކުރަން ބޭނުންވާތީ." އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނު އެކުލަވާލައްވާ ކެބިނެޓުގެ ހުރިހާ ބޭފުޅުންނަށްވެސް ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އެމަނިކުފާނުގެ ސަރުކާރަކީ ސާފު، ކޮރަޕްޝަނަށް ހަގީގަތުގައި ވެސް ނޫނެކޭ ބުނާނެ ސަރުކާރަކަށްވާނެކަމުގެ ޔަޤީންކަން އިންތިޚާބީ ރައީސް ދެއްވިއެވެ.

"ނުކުމެގެން އުޅޭ ލިސްޓްގެ 95 އިންސައްތައަކީ ރަނގަޅު ލިސްޓެކޭ ދެންނެވިދާނެ. ކިތަންމެ ސިއްރު ކުރިޔަސް ސިއްރެއްގޮތަކަށް ނުއެއް އޮންނާނެ. އެކަކުކައިރީގައި ބުނީމަ އޭނަގެ އެންމެ ގާތްމީހާ ކައިރީ އޮންނާނީ ބުނެވިފަ. އެއީ ދެން މައްސަލައެއްވެސް ނޫން." އިންތިޚާބީ ރައީސް ވިދާޅުވިއެވެ.


ޑރ.މުޢިއްޒުގެ ކެބިނެޓްކަމަށް ބުނެ ދައުރުވާ ލިސްޓުގައި 22 މިނިސްޓްރީއަކަށް ބޭފުޅުންގެ ނަންތައްވަނީ ދައުރުވެފައެވެ. އެގޮތުން ކުރީގެ މިނިސްޓަރުންނާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އައު ސަރުކާރަކީ ދެފުއްފެންން ހާމަކަން ބޮޑު ސަރުކާރަކަށް ވާނެކަމަށް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ މަޤާމުތައް ހަތް ސަތޭކައަށްވުރެ އިތުރު ނުވާނެކަމަށްވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.