ޚަބަރު

ރާއްޖޭގެ މުއްސަނދި ތާރީޚުން ފަވާލެވުނު 55 އަހަރުގެ ޖުމްހޫރިއްޔާ


  • ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުވީ 1953 ވަނަ އަހަރު

  • ފުރަތަމަ ޖުމްހޫރިއްޔާ ރަސްކަމަށް ބަދަލުވުމަށްފަހު ދެވަނަ ފަހަރަށް ޖުމްހޫރިއްޔާ ޤާއިމުކުރެވުނީ 1968 ވަނަ އަހަރު

  • މިއަހަރަށް މިފުރުނީ ދިވެހި ޖުމްހޫރިއްޔާއަށް 55 އަހަރު

ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން އައީ 1953 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނެވެ.

ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ދިވެހިރާއްޖެ ޖުމްހޫރީ ވެރިކަމަކާ ދިމާލަށް ކުރި ދަތުރުގެ ފެށުނީ މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތިޢުފާ ދެއްވި ހިސާބުންނެވެ. މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ. މާގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ދިވެހީން އެރުވިއެވެ. އެއީ 11 އޭޕްރީލް 1943 ގައެވެ.

ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުމުގެ މަސައްކަތްތަކެއް ފެށުނެވެ. ގިނަ ބައްދަލުވުން ތަކަކަށްފަހު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދުނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ނަމަވެސް ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ހާލަތު އޭރު އޮތްގޮތުން ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއް ނުވިއެވެ. އެންމެފަހުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ފެށިއެވެ. އެގޮތުން ބަހުސްތަކާއި މަޝްވަރާތަކަށްފަހު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ވުޖޫދުވީ 1 ޖެނުއަރީ 1953 ގައެވެ.

ސިޔާސީގޮތުން ހަލަބޮލިކޮށް އޮތް އެދުވަސްވަރުގައި މުޅި އައު ނިޒާމެއް ދިވެހިންގެ ތެރެއަށް ގެނައުމުގެ ނަތީޖާއަކަށްވީ 7 މަހާއި 21 ދުވަހުގެ ތެރޭގައި ރައީސް އަމީންގެ ޖުމްހޫރީ ވެރިކަން ނިމި އެނިޒާމުވެސް އުވިގެންދިއުމެވެ.

އަނބުރާ ރަސްކަމުގެ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުވީއެވެ. ރަސްކަމުގެ ނިޒާމަށް ފުރޮޅިގެންދިޔަ ދަތުރުގައި ރާއްޖޭގެ ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދު ދީދީއެވެ. 14 އަހަރަށް ދެމިގެންދިޔަ ރަސްކަމުގެ ނިޒާމު އަނެއްކާވެސް ދިވެހިން ބަދަލުކުރިއެވެ.

ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ ޚިޔާލުތައް، 1965ގައި ރާއްޖެ މިނިވަންވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. މިޚިޔާލުތަކާއި މަޝްވަރާތަކުގައި 3 އަހަރު ފާއިތުވިއެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގިއެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓު ދިނީ ޖުމްހޫރިއްޔަތަށެވެ.

މިއާއެކު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ.
1968 ވަނަ އަހަރުގެ ނޮވްމެބަރު މަހުގެ 11 ވަނަ ދުވަހު ދެވަނަ ފަހަރަށް ޤާއިމުކުރި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ޖުމްހޫރިއްޔާތަށް 55 އަހަރު ފުރޭއިރު މިވޭތުވެދިޔަ ބައި ޤަރުނަށްވުރެ ދިގު ތާރީޚުގައި ރާއްޖޭގެ ޖުމްހޫރިއްޔާވަނީ ވަރަށް ގިނަ ކަންތައްތަކެއް ތަޖުރިބާކޮށްފައެވެ.

ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއްކުރާ ސަރުކާރެއް އެކުލަވާލުންކަމުގައިވީ ނަމަވެސް އެގޮތަށް އެކަން ބަދަލުވެގެން ދިޔައީ 2008 ވަނަ އަހަރު ތަންފީޒުކުރަން ފެށި ނޫ ޤާނޫނު އަސާސީން ދިވެހި ރައްޔިތުން ތަމްސީލުކުރާނެ ޕާޓީ ނިޒާމެއް ވުޖޫދުކޮށް ދިވެހިންގެ ސީދާ ނިންމުންތަކުން ސަރުކާރުގެ ހިންގުން ވަކި މީހަކާއި ޙަވާލުކުރުމަށް ކަނޑައަޅަން ފެށުމާއި ހަމައިންނެވެ. ރައީސް ނާސިރު ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާދެއްވުމާއި ގުޅިގެން ވެރިކަމަށް ދެން ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގައި އެންމެ ގިނަ ދުވަހު ވެރިކަންކުރެއްވި ރައީސެވެ.

ރައީސް އަމީންއާއި ރައީސް ނާޞިރު ހިމެނޭހެން މިހާތަނަށް 7 ބޭފުޅަކު ވަނީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ. މި ދެ ބޭފުޅުންގެ އިތުރުން ދެން ރައީސްކަން ކުރައްވާފައިވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަންގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ކަމަށް ޑރ.މުހައްމަދު މުއިއްޒު މިހާރުވަނީ އިންތިޚާބުވެވަޑައިގެންފައެވެ.


ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. ޤާނޫނީ ވެރިކަން ބަދަލުވާ ދުވަހަކީ އެއީނަމަވެސް 2013 ވަނަ އަހަރު ބޭއްވި އިންތިޚާބުގެ ނަތީޖާ އެމްޑީޕީން ބަލައިގަތުމަށް ދެކޮޅުހަދާ އެމައްސަލައަށް ވަކިގޮތެއް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ރައީސް ޔާމީން ހުވާކުރެއްވީ އެއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބޭއްވި ދެ އިންތިޚާބުގައިވެސް ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވަން ކަނޑައެޅީ ނޮވެމްބަރު މަހުގެ 17 ގައެވެ. އަދި އިންތިޚާބުވި އައު ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ހުވާ ކުރެއްވާނީ 17 ނޮވެމްބަރު 2023ގައެވެ.