ޚަބަރު

މި ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމަކީ ލިބުނު އެންމެ ބޮޑު ކުރިއެރުން: ރައީސް


  • މީގެ ފަސް އަހަރު ކުރިން ޤައުމު އޮތް ބިރުވެރި ހާލަތު ރައީސް ތަފްސީލްކޮށްދެއްވި

  • މި ފަސް އަހަރު މަގުތައް އަމާންކޮށް، ރައްޔިތުންނަށް ހައްގުތައް ހޯދައިދެވުނުކަމަށް

  • ކޯވިޑަކީ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމަށް

  • ރައްޔިތުންނަށް މަގުތަކުގެ އަމާންކަން މިއަދު އިހްސާސްވާކަމަށް

ފާއިތުވި ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާ ސުލްހަ މަސަލަސްކަމަކީ ލިބުނު އެންމެ ބޮޑު ކުރިއެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ޤައުމު އަމާންކަމާއެކު ބޭއްވުނީ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެންކަމަށެވެ.

ޤައުމާ މުޚާޠަބުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ޤައުމު އަމާންކަމާ ސުލްހަ މަސަލަސްކަންމަތީ ބޭއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ ކުށްކުރާ ގްރޫޕްތަކާއި، ޑްރަގްގެ ވިޔަފާރިއާއި ދެކޮޅަށް އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް މި ފަސް އަހަރުގެ ތެރޭގައި ކުރައްވަން ޖެހިވަޑައިގެންނެވިކަމަށެވެ. މި މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދާކުރި ދައުރު ބޮޑުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ސިފައިންނާއި ފުލުހުން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ ޤައުމަށް ކޮންމެހެން ބޭނުންކަމެއްކަމަށެވެ. އެގޮތުން ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުޞަތު އެ ދާއިރާތަކަށް މި ފަސް އަހަރު ލިބިދެވުނުކަމަށް ރައީސް ވިދާޅުވިއެވެ.


ރައީސްގެ ޚިޠާބުގައި އެ މަޤާމަށް ރައްޔިތުން އެމަނިކުފާނު އިންތިޚާބު ކުރުމުގެކުރިން ޤައުމު އޮތް ހާލަތު ތަފާތުކަމަށާއި، ރައްޔިތުން އެދުނީ މަޤުމަތީގެ ނާމާންކަމާއި، ހަލަބޮލިކަން ނައްތާލާ ހަމަޖެހުން ގެނައުމަށްކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވީ ސަރުކާރާ ޚިޔާލުތަފާތުވުމުގެ އަގު ޖަލު އަނިޔާއިން ދައްކަންޖެހުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތާލުމަށް. ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން މި މަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބިހުރި އަސާސީ ހައްގުތަށް ހޯދުމަށް. ޑިމޮކްރަސީއާއި އިންސާނީ ކަރާމާތާ މިނިވަން ސިޔާސީ މާހައުލެއް ރާއްޖެއަށް ގެނައުމަށް."

އެ ކާމިޔާބީތަކާއެކުވެސް ރައީސް ވަނީ، ފާއިތުވި ފަސް އަހަރު ކުރަމުންދިޔަ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެވަޑައިގެންނެވިކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން 2020 ވަނަ އަހަރު ފެށުމާއެކު ކުރިމަތިލާންޖެހުނު ކޯވިޑް-19ގެ އާލަމީ ބަލިމަޑުކަމުގެ ދަތިތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔެއަށް އެރި ހުއްޓުމާއެކު ރާއްޖޭގެ ބޯޑަރު ބަންދުކުރުން ނޫންގޮތެއް ނެތިގެން ދިޔަކަމަށެވެ. ފަތުރުވެރިންގެ ބަދަލުގައި ރެޔާ ދުވާލު ރިސޯޓުތަކަށް އުފުލަންޖެހުނީ ނުރައްކަލަށް ހުށައެޅުނު މީހުންކަމަށާއި، ރަށްތައް ތަޅުލެވި މަގުތައް ފަޅުވެ ވިޔަފާރިއާ ޢާންމުން ހޭލަމޭލުވުން ހުއްޓުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

ޢާމްދަނީގެ ގޮތުން އަތްފައި ބަނދެވި ޤައުމު ފުރަބަންދުވިކަމަށާއި، އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާޑާ، ބޭހާ ތެޔޮ ދަތިނުވެ ލިބޭނެ ގޮތް ކަށަވަރު ކުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގަމުންދިޔަ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށްދާނެގޮތް ހޯދިކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިކަމުގައި ދޭސީއެއް ބިދޭސީއެއް ތަފާތުނުކޮށް، އެންމެ ފުރަތަމަ އެންމެން ވެކްސިނޭޓްކުރި ދުނިޔޭގެ މަދު ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ އެންމެ މުވައްޒަފެއްގެ ވަޒީފާ ނުގެއްލި މުސާރަ ދިނިން. ވަޒީފާ ގެއްލި ޢާމްދަނީ ނާޒުކު ހާލަތަށް ދިޔަ އަމިއްލަ މީހުންނާ ވިޔަފާރިތަކަށް ސަރުކާރުން އެހީ ދިނިން. ބިލް ނުދެއްކިގެން ކަރަންޓާ ފެން ނުލިބިގެން އެއްވެސް ރައްޔިތަކު ނެތްކަން ކަށަވަރުކުރިން. ބޭހެއް ވެކްސިނެއް ކޮޅެއް މެދެއް ނޭނގޭ އެ ބިރުވެރިކަން ދެއަހަރަށް ދެމިގެންދިޔަ. ކުރެވުނު ގިނަ މަސައްކަތުން އެންމެ ފުރަތަމަ ބޯޑަރު ހުޅުވި އެއްޤައުމަކީ ރާއްޖެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރެވުނު މަސައްކަތްތަކުން ފަތުރުވެރިކަމާއި، ރާއްޖޭގެ އިޤްތިޞާދު އިހުހުރި ހިސާބަށް ރުޖޫއަވުމުގައި ލިބުނު ކާމިޔާބު ބޮޑުކަމަށެވެ.

"ރައްޔިތުންނާ ރާއްޖެ ސަލާމަތްކުރުމުގައި ކޯވިޑް-19 އަކީ އަޅުގަނޑުގެ ހަޔާތުގެ އިމްތިހާން. އެންމެ ގިނަ ރޭ ނިދިން އަޅުގަނޑު މަހްރޫމްވާން މަޖުބޫރުވި ހާލަތަކީ އެއީ. އެހެންނަމަވެސް ﷲ ސުބުހާނަހޫ ވަތަޢާލާގެ ރަހްމަތްފުޅު ކިތަންމެހާވެސް ތަނަވަސް. ކޯވިޑް-19އަކީ ޢާންމުކޮށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ޤުރުބާނީ ޤައުމަށް ވެދުންކުރި ކާރިސާ. އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގެ ސިއްޙީ ޚިދުމަތްތެރިންނާ ސިފައިނާ ފުލުހުން އެ ދެއްކެވި ފުރިހަމަ ނަމޫނާއަކީ ޤައުމަކުން ފެންނާނެ އެންމެ ރީތި މިސާލު." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭރުގެ ބިރުވެރި ހާލަތު ފިލާގޮސް ރައްޔިތުންނަށް މަގުތަކުގެ އަމާންކަން މިއަދު އިހްސާސްވާކަމަށެވެ. ޚިޔާލުތަފާތުވެހުރެވެސް ވިޔަފާރިވެރިންނާ ޢާންމު ފަރުދުން އެމީހުންގެ ދިރިއުޅުމާގެން ކުރިއަށް ދެވޭނެކަން މި ފަސްއަހަރު ކަށަވަރުކޮށްދެވުނުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައި، ރައްޔިތުން ބޭނުންވި އަސާސީ ޚިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.