ޚަބަރު

ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި


ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ޚާއްސަ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވައިފިއެވެ.

މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، 2015 ވަނަ އަހަރުގެ ބޭއްވުނު ހުރިހާ އިމްތިޚާނުތަކެއް ނަތީޖާތަކަށް ބަލާލާއިރު، ނަތީޖާތަކުން ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި އެހެންނަމަވެސް މިއީ އެ މިނިސްޓްރީން އުންމީދު ކުރި ވަރުގެ ކުރިއެރުމެއް ނޫންކަމުގައެވެ. އެހެންކަމުން މިއަހަރު އިމްތިޙާނުތަކުގެ ނަތީޖާ ފާއިތުވި އަހަރަށްވުރެ ރަނގަޅު ކުރުމަށް ސްކޫލްތަކާއި ގުޅިގެން ގިނަ މަސައްކަތް ތަކެއް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އަދި މިއަދު ފެށި މި ޕްރޮގްރާމްގެ އަލީގައި ދަރިވަރުންގެ ފެންވަރު ވަޒަންކޮށް ވަކި ވަކި ދަރިވަރުންނަށް އަމާޒު ކުރެވިގެން އެ ދަރިވަރެއްގެ ކިޔެވުން ކުރިއަށްދާ ގޮތާއި އިތުރު އެހީއަށް ބޭނުންވާ މާއްދާތަކާއި އިތުރަށް ކުރަންޖެހޭ މަސައްކަތް އެނގިގެންދާނެކަމަށް މިނިސްޓަރ ފާހާގަކުރެއްވިއެވެ. އެގޮތުން އެހީތެރިކަން އެންމެ ބޭނުންވާ މާއްދާ އެނގި، އަދި ސްކޫލް ލެވެލްގައި އެންމެ ބޮޑަށް މަސައްކަތް ކުރަންޖެހޭ މާއްދާތައް ވެސް ފާހަގަ ކުރެވިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޤައުމީ ޔުނިވާސިޓީއާއި ގުޅިގެން 2000 ޓީޗަރުންނަށް ތަމްރީން ކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.