ކުޅިވަރު

އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް: ޗެމްޕިއަންކަން ސީއެޗްއެސްއީ އާއި ކެޔޮދޫ ސްކޫލަށް


އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ވ. ކެޔޮދޫ ސްކޫލުން ހޯދައިފިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ އެކުވެނި ޓާފް ވޮލީ ކޯޓުގައެވެ.

މި ފަހަރުގެ 19 އަހަރުން ދަށުގެ ދެ ފައިނަލުގައިވެސް މ. އަތޮޅު ތައުލީމީ މަރުކަޒު ވަނީ ވާދަކޮށްފައެވެ. އެކަމަކު ފައިނަލް މެޗުތަކުން އެ ޓީމުތައް ވަނީ ބަލިވެފައެވެ. އެގޮތުން ރޭ ކުޅުނު ފިރިހެން ފައިނަލުން ސީއެޗްއެސްއީ މޮޅުވީ މ. އަތޮޅު ތައުލީމީ މަރުކަޒާ ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 25-22 އިން މ. އަތޮޅު ތައުލީމީ މަރުކަޒުން ގެންދިޔަ ނަމަވެސް، ސީއެޗްއެސްއީން ވަނީ އަނެއް ދެ ސެޓު 25-19 އަދި 25-21 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ޖެހިގެންއައި ސެޓު 25-23 އިން ގެންދިޔައީ މ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެއާއެކު މެޗުގެ ފަހު ސެޓު 15-10 އިން ކާމިޔާބުކޮށް ސީއެޗްއެސްއީން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްއެސްއީގެ އަޙްމަދު ނާވީ އާދަމެވެ.

މީގެ އިތުރުން އިއްޔެ ހަވީރު ކުޅުނު އަންހެން ފައިނަލް މެޗު ކެޔޮދޫ ސްކޫލުން ކާމިޔާބުކުރީ މ. އަތޮޅު ތައުލީމީ މަރުކަޒާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން މ. އަތޮޅު ތައުލީމީ މަރުކަޒުން ގެންދިޔަ ނަމަވެސް، ކެޔޮދޫ ސްކޫލުން ވަނީ އަނެއް ތިން ސެޓު ފަސޭހަކަމާއެކު 25-14، 25-12 އަދި 25-14 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެޔޮދޫ ސްކޫލުގެ އާމިނަތު ރައިޝާ އިބްރާހީމެވެ.

މިއާއެކު މި އަހަރުގެ އިންޓަރ ސްކޫލް ވޮލީ މުބާރާތުގެ ކުޅުން ނިންމާލިއިރު، މި އަހަރުގެ މުބާރާތުގައި ފޯރިގަދަ މެޗުތަކެއް ވަނީ ފެނިގެންގޮސްފައެވެ. މި އަހަރު އިންޓަރ ސްކޫލް ވޮލީ މުބާރާތް ބޭއްވިއިރު، މި އަހަރުގެ ކުރިން އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރެވެ.