 
										
			ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. 
ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތްތެރިންގެ މުސާރައަށް އެދެވޭ ހެޔޮ ބަދަލެއް ގެނެވިއްޖެކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓުގައިވެސް ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިމަނާފައިވާނެކަމަށެވެ. 
"ޕޭ ހަރމަނައިޒޭޝަންގެތެރެއިން ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވިއްޖެ. އަންނަ 2024 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވީ ޖުޑިޝަރީއާއި، ސިފައިންނާއި، ފުލުހުންނާއި ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށައަޅާފައި." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. 
		
 
										
			އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓުގައިވަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ އުސޫލުގެ ދަށުން އިތުރު ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިމަނާފައެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނާފައެވެ. ޕޭ ހަމަނައިޒްކުރުމަށް ނުވަތަ މުސާރަ އެއްހަމަކުރުމަށް ބަޖެޓުން ޖާގަ ލިބޭގޮތަށް 2025 އަދި 2026ގައިވެސް ބަޖެޓުގައި ފައިސާ ހިމެނުމަށްވަނީ ލަފާކޮށްފައެވެ. މިއާއެކު ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026ގެ ނިޔަލަށް އެއްހަމަކޮށް ނިމޭނެކަމަށް ބަޖެޓުގައިވަނީ އަންދާޒާކޮށްފައެވެ. 
		
			މުސާރައަށް ހެޔޮ ބަދަލެއް ނައިސް ދިގުލައިގެން ދިޔުމަކީ ސަރުކާރުގެ ގިނަ މުވައްސަސާތަކުގެ މުވައްޒަފުންގެ ދުވަސްވީ ޝަކުވާއެކެވެ. މިކަމަށް ރިޢާޔަތްކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ މިހާތަނަށް ތަޢުލީމީ ދާއިރާއާއި މަތީ ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރައާއި ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާފައެވެ. 
މިދާއިރާތަކުގެ ހަމައެކަނި މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 800 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ޕޭ ކޮމިޝަނުން ވިދާޅުވެއެވެ. އަދި އިތުރު އެލަވަންސާއި ޢިނާޔަތްތަކާއެކު މިތިން ދާއިރާގެ މުސާރައިގެ ކަންކަމަށް އަހަރަކު ބަޖެޓުން ބިލިއަނެއް ހޭދަވާނެކަމަށްވަނީ ވިދާޅުވެފައެވެ.