ޚަބަރު

ބޭރުގެ އެމްބަސީތަކުގައި މަސައްކަތްކުރާ 61 މުވައްޒަފުން ރާއްޖެ ގެނައުމަށް އެދެފި


ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާއަދާކުރަމުންދާ ބައެއް މުވައްޒަފުން އެނބުރި ރާއްޖެ ވަޑައިގަތުމަށް ފޮރިން މިނިސްޓްރީން އަންގަވައިފިއެވެ. މިގޮތަށް އަންގަވާފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އެދިލެއްވުމަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި، ރާއްޖޭގެ މިޝަންތަކުގައި މަސައްކަތް ކުރައްވަމުންދާ 61 މުވައްޒަފުން ރާއްޖެ ވަޑައިގަތުމަށް މިހާރު އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވަނީ، ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ބައެއް މުވައްޒަފުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެނބުރި ވަޑައިގެންނެވުމަށެވެ.

މަޢުލޫމާތު ލިބޭގޮތުގައި މީގެތެރޭގައި ގިނައިން ހިމެނެނީ މިޝަންތަކުގައި މަސައްކަތްކުރައްވާ ސިޔާސީ މުވައްޒަފުންނެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިވަގުތު ކުރައްވަމުންދާ އެންމެ މުހިންމު މަސައްކަތްޕުޅަކީ، އެކިއެކި މުހިންމު މަޤާމުތަކަށް ބޭފުޅުން ހަމަޖެއްސެވުމުގެ މަސައްކަތްތަކެވެ. އެގޮތުން މިވަގުތު، ސިޔާސީ މަޤާމުތަކުގައި ތިބި ބޭފުޅުންގެ ލިސްޓުވެސް، ކަމާގުޅުންހުރި އިދާރާތަކުން ހޯއްދަވާފައިވެއެވެ.

އެކި ސަރުކާރުތަކުގައި އެމްބަސީތަކުގައި މަސައްކަތްކުރައްވާ އިސް ބޭފުޅުންނަކީވެސް އެއިރެއްގައި އޮންނަ ސަރުކާރު ތަމްސީލްކުރައްވަން އައްޔަންކުރައްވާ މުވައްޒަފުންނެވެ. ބޭރުގައި އެމްބަސީތަކާއި މިޝަންތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން އަނބުރާ ރާއްޖެ އައުމަށް އަންގަވާފައިވާ އެންގެވުމަކީވެސް، މި މަސައްކަތުގެ މަރުހަލާއެކެވެ.