ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން، ރިޔާސީ ގަނޑުވަރު، މުލިއާގެއިން ދިރިއުޅުން ބަދަލުކުރައްވައިފިއެވެ.
ރިޔާސީ ގަނޑުވަރަކީ ރާއްޖޭގައި ރަސްރަސްކަލުން ދިރިއުޅުއްވި، އަދި މިހާރު ރައީސުން ދިރިއުޅުއްވުމަށް ޚާއްސަ ގެކޮޅެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއާއި، އަނބިކަނބަލުން ފަޒްނާ އަޙުމަދު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހުއެވެ. އެނގިފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިރިއުޅުން ބަދަލުކުރައްވާފައިވަނީ، އަނބިކަނބަލުން ފަޒްނާ އަޙުމަދުގެ އާއިލާ ދިރިއުޅުއްވަމުންގެންދަވާ މ.ސަނީއަށެވެ.
ރައީސް ޞާލިޙުގެ 5 އަހަރުގެ ރިޔާސީ ދަޢުރު އަންނަ ހުކުރު ދުވަހަށް ހަމަވާނެއެވެ.
ފަހުގެ ވެރިންނަށް ބަލާއިރު، 2008ވަނަ އަހަރު އިންތިޚާބުވެވަޑައިގެން، ކުރީގެ ރައީސް ނަޝީދުވެސް މުލިއާ ގޭގައި ދިރިއުޅުއްވިއެވެ. ނަމަވެސް، ނިމިދިޔަ ދައުރުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ދިރިއުޅުއްވީ އަމިއްލަފުޅު ގޭގައެވެ.
އަދި މިހާރުގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިރިއުޅުއްވާނެ ތަނެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.