ޚަބަރު

ދިރާގު ރޯޑް ރޭހުން ވަނަވަނައަށް އައި ބައިވެރިންނަށް އެވޯޑް ހަވާލުކޮށްފި


  • 31 ބައިވެރިއަކު ވަނީ އެވޯޑް ހޯދާފައި

  • މިފަހަރުގެ ދުވުމުގައި 4000+ ދުވުންތެރި ދުވި

  • އަންނަ އަހަރުގެ ދުވުން އޮންނަނީ 25 އޮކްޓޯބަރުގައި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023ގައި ބައިވެރިވެ، ވަނަވަނައަށް އައި ބައިވެރިންނަށް އެވޯޑް ހަވާލުކޮށްފިއެވެ. މިއަހަރުގެ ދިރާގު ރޯޑް ރޭސް ބާއްވާފައިވަނީ އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހުއެވެ.

އެކި ކެޓަގަރީތަކުން ވަނަވަނައަށް އައިސްފައިވާ 31 ބައިވެރިންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އޭގެތެރޭގައި 14 ދިވެހިންނާއި، ރާއްޖެއިން ބޭރުން މިދުވުމުގައި ބައިވެރިވި 5 ފަރާތެއް ހިމެނެއެވެ. މީގެ އިތުރުން 5 ކެޓަގަރީއެއްގައި ވާދަކުރި 12 ސްކޫލެއްގެ ދަރިވަރުން ހިމެނެއެވެ.

މިފަހަރުގެ ދުވުމުގައި 4000އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އޭގެތެރޭގައި ޖުމްލަ 27 ޤައުމެއްގެ ދުވުންތެރިން ހިމެނެއެވެ. އަދި 31 ސްކޫލަކުން ދަރިވަރުން ބައިވެރިވެފައިވާއިރު، މީގެތެރޭގައި އަތޮޅުތެރޭގެ 7 ސްކޫލެއްވެސް ހިމެނެއެވެ.

އެވޯޑް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދު ވަނީ، ވަނަވަނައަށް އައިި ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ. އިސްމާޢީލް ރަޝީދު ވިދާޅުވީ، މިއީ ހަމައެކަނި ދުވުމުގެ ހަރަކާތެއް ނޫންކަމަށާއި، މި ދުވުމުގެ ސަބަބުން މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވެފައި ތިބި އެތައް ބަޔަކަށް އެހީ ފޯރުކޮށްދެވޭނެކަމަށެވެ.

"އިޖްތިމާޢީ މައްސަލަތަކާއި، ކުޑަކުދިން ޙިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އެބަ މާލީ އެހީ ފޯރުކޮށްދިނުމަށް ފަންޑް ރައިސްކުރާ ހަރަކާތަކަށް މިހަރަކާތް އެބަވޭ. މިއީ ކުންފުނީގެ ސީއެސްއާރްގެ ވަރަށް މުހިންމު ހަރަކާތެއް." އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.

މިފަހަރުގެ ދުވުމުގައި އެއްކުރި 635000 ރުފިޔާ ވަނީ، 12 އެންޖީއޯއަކަށް ހަދިޔާކޮށްފައެވެ. މީގެތެރެއިން 200000 ރުފިޔާ ހަދިޔާކުރީ، ދުވުމުގެ ބައިވެރިން ހޮވާލި 5 އެންޖީއޯއަކަށެވެ.

އެވޯޑް ހަވާލުކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ވަނީ "ދިރާގު ރޯޑް ރޭސް 2024" ބާއްވާ ތާރީޚުވެސް އިޢުލާންކޮށްފައެވެ. އެގޮތުން އަންނަ އަހަރުގެ ދުވުން އޮންނާނީ 25 އޮކްޓޯބަރުގައެވެ.