ޚަބަރު

އިފާސް މެދުވެރިކޮށް ކްރެޑިޓް ރިޕޯޓަށް ހުށަހެޅޭ ގޮތް ހަމަޖައްސައިފި


  • ކްރެޑިޓް ރިޕޯޓަށް ހުށައެޅޭނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓުން

  • މި ބަދަލާއެކު 3 ދުވަހުގެ ތެރޭގައި ރިޕޯޓު ދޫކުރާނެ

  • އޮންލައިން ވީޑިއޯ ވެރިފިކޭޝަން ހެދުން މާދަމާއިން ފެށިގެން ހުއްޓާލާނެ

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމު ފަރުދުންނާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅޭ ގޮތް ހަމަޖައްސައިފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް އީފާސް މެދުވެރިކޮށް މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހުށަހެޅޭ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިބަދަލާއެކު ކްރެޑިޓް ރިޕޯޓަށް އެދޭ ފަރާތްތަކުގެ ހުށަހެޅުންތައް ދެން ބަލައިގަންނާނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓުން، އީފާސް މެދުވެރިކޮށް އަދި އީފާސް ވެރިފައިޑް އެކައުންޓުތަކުން ކަމަށްވެސް އެމްއެމްއޭން ވިދާޅުވިއެވެ. އަދި ކްރެޑިޓް ރިޕޯޓަށް އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅުމުން މަސައްކަތު 3 ދުވަހުގެ ތެރޭގައި ރިޕޯޓު ދޫކުރާނެ ކަމަށްވެސް އެމްއެމްއޭން ވިދާޅުވިއެވެ.

އެމްއެމްއޭއިން ވިދާޅުވީ އާންމު ފަރުދުންނާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅޭ ގޮތް ހެދުމުން ކްރެޑިޓް ރިޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން ހެދުން މާދަމާއިން ފެށިގެން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

އެމްއެމްއޭއިން ވަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އީފާސްގެ ލޮގިން މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އީފާސް ނިޒާމަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ދެއްވާ ޚިދުމަތްތައް ދެއްވުމުގައި، ބޭނުންކުރައްވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ. މި ނިޒާމްގެ ތެރެއިން މިހާރު ސަރުކާރުގެ އެކި އިދާރާތަކުގެ ޚިދުމަތް ލިބެމުންދެއެވެ. އީފާސް ޚިދުމަތް ބޭނުންކުރުމަށްޓަކައި މިހާރުވެސް 137000 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.